ޕޮލޭންޑްގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ފެށި މި ކެމްޕެއިންގެ ބޭނުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓާ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕޯލޭންޑްގައި ރާއްޖެ އިޝްތިހާރުކުރުމެވެ.
ވިޒިޓް މޯލްޑިވްސްއިން މި ކެމްޕެއިން ކުރިއަށްގެންދަނީ ޕޯލޭންޑްގެ އެންމެ މަގުބޫލު އެއް ޓުއަރ އޮޕަރޭޓަރ ކަމުގައިވާ އިޓާކާ އާއިއެކު ޖޮއިންޓް ކެމްޕެއިނެއްގެ ގޮތުގައެވެ. މި ކެމްޕެއިން ފަށާފައިވަނީ މި މަހުގައެވެ. މި ކެމްޕެއިންގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި ކެމްޕެއިން ކުރިއަށްދާނީ ޕޮލޭންޑުން ރާއްޖެއަށް އިޓާކާގެ ފަރާތުން ޗާޓާރ ފްލައިޓްތައް ފެށުމާއި ގުޅުވައިގެންނެވެ. މިފަދަ ކެމްޕެއިންތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ފެށޭ ޗާރޓާރ ފްލައިޓްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި ކެމްޕެއިންގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް ޑިޖިޓަލް ހަރަކާތްތަކާއި އައުޓްޑޯ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ކެމްޕެއިންގެ ޑިޖިޓަލް ހަރަކާތެއްގެ ދަށުން ގޫގުލް އެޑްވޯރޑްސްގެ ޒަރިއްޔާއިން ރާއްޖޭގެ ރީތި މަންޒަރުތަކާއި މެސެޖްތައް ލިބޭގޮތަށް އިޝްތިހާރުކުރެވިގެން ދާނެއެވެ. އަދި މީގެ އިތުރުން ޕޮލޭންޑްގެ މަގުބޫލު ޓްރެވެލް އަދި ލައިފްސްޓައިލް ވެބްސައިޓްތަކުގައި އެނިމޭޓެޑް އިސްތިހާރުތަކާއި ޕުޝް މެސެޖް ބޭނުންކޮށްގެންވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ. ހަމައެއާއެކު އިންސްޓަގްރާމްގައިވެސް ޕޮލިޝް މާކެޓަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެމްޕެއިނުގައި އިޝްތިހާރުކުރެވޭ ކޮންޓެންޓް ލަފާ ކުރެވޭގޮތުގައި 25 މިލިޔަނެއްހާ މީހުނަށް ފޯރާނެއެވެ.
އައުޓްޑޯ ހަރަކާތްތަކުގެ ތެރެއިން އިޓާކާގެ 150 އަށް ވުރެން ގިނަ އޮފީސްތަކުގައި ހަރުކުރެވިފައިވާ ޓީވީތަކުން ރާއްޖޭގެ މަންޒަރުތަކުގެ އިޝްތިހާރުތައް ކުރެވެމުންދާނެއެވެ. އަދި މީގެ އިތުރުން މަޝްހޫރު ޒުއޮލްތެ ޓަރާސޭ ހާރޑް ރޮކް ކެފޭ ކުރިމަތީގައި ހުންނަ ސްކްރީނުންވެސް ރާއްޖޭގެ އިސްތިހާރުތައް ފެންނާނެއެވެ. ވާރސޯގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ކޮޒިކީ ގައި ބޮޑު ޕްރިންޓް ބެނާއެއްވެސް ހަރުކުރާނެއެވެ. މި ސަރަހައްދަކީ މަހެއްގެ މައްޗައް 1.4 މިލިޔަނަށްވުރެން ގިނައިން މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދެކެވެ.
އިޓާކާ އަކީ 30 އަހަރުގެ ތަޖުރިބާޔާއި އެކު ޕޮލޭންޑް ގެ އެންމެ މަގުބޫލު އަދި މަޝްހޫރު އެއް ޓުއަރ އޮޕަރޭޓަރެވެ. 2018 ވަނަ އަހަރުގައި އިޓާކާއިން 915,00 ކްލައިންޓުންނަށް 100 އަށްވުރެން ގިނަ މަންޒިލްތަކަށް ހިދުމަތް ފޯރުކޮށްދީފައިވެއެވެ. 30 އިންސައްތަ މާކެޓް ޝެއަރ އާއި އެކު އިޓާކާ އަކީ ޕޮލީޝް މާކެޓްގައި އެންމެ ފުރިހަމަ އަދި ތަޖުރިބާކާރު އެއް ޓުއާރ އޮޕަރޭޓަރެވެ.
އިޓާކާ އާއި އެކު ކުރިއަށް ގެންދާ ކެމްޕެއިނުގެ ސަބަބުން ޕޮލީޝް މާކެޓްގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.