ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ސުނާމީ ބިނާ އެ ސަރަހައްދުން މިއަދު ނަގައިފިއެވެ.ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ސުނާމީ ބިނާ އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކް ސަރވިސަސްގެ ފަރާތުންނެވެ. ލޮނު ޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ އެ ސަރަހައްދުން ނަގާފައިވަނީ، އެ ސަރަހައްދު ބްރިޖްގެ މަސައްކަތަށް އަންނަ ބުދަދުވަހުގެ ނިޔަލަށް ދޫކުރަންޖެހޭތީކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ޕަބްލިކް ވޯކް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަފީފް ވިދާޅުވީ، މިހާރު ހުރިތަނުން ސުނާމީ ބިނާ ނެގުމަށްފަހު އެ ބިނާ ދާއިމީކޮށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭ ހުޅަނގު ފަރާތު ހާބަރު ތިން ރުއް ޕާކް ސަރަހައްދުގައިކަމަށެވެ. އަދި ސުނާމީ ބިނާ ކުރިން ހުރިތަނުން ނެގުމަށްފަހު އެ ބިނާ އަލުން ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ރުއް ޕާކް ސަރަހައްދު ރަގަޅަށް ތަރައްގީކޮށް ނިންމަންދެން އެބިނާ ހުންނާނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް އަފީފް ވިދާޅުވިއެވެ.ސުނާމީ ބިނާ ތިން ރުއްޕާކު ސަރަޙައްދުގައި ބެހެއްޓިގެންދާއިރު، އެ ސަރަހައްދުންވެސް ތަފާތުތަކެއް ފެނިގެންދާނެކަމަށާއި، އެތަން ތަރައްޤީކުރުމަށްފަހު އަންނަ މަހުގެ ތެރޭ އާއްމުކޮށް ހުޅުވާލާނެކަމަށްވެސް އަފީފް ވިދާޅުވިއެވެ. މާލެ ހުޅުމާލެ ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ ސުނާމީ ބިނާ ސަރަޙައްދުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ. ބްރިޖް އެޅުމުގެ މަސައްކަތް ކުރުމަށް މިމަހުގެ ތޭރަވަނަދުވަހު ޗައިނާގެ ކުންފުޏްނަކާއި ހަވާލުކޮށްފައިވާއިރު، އަމަލީ މަސައްކަތް އަންނަ މަސްތެރޭގައި ފެށުމަށް ހައުސިންގ މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިމަހުގެ 25 ފެށިގެން ސުނާމީ ބިނާ ކުރިން ހުރި ސަރަހައްދު އާއްމުންނަށް ނުވަދެވޭނޭހެން ބަންދުކުރުމަށް ވަނީ ހަމަޖެހިފައި. އެ ސަރަހައްދު ބަންދުކުރުމަށް ނިންމީ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް އެ ސަރަހައްދުގައި ހެދުމަށްކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.ސުނާމީ ބިނާ އަކީ މީގެ 10 އަހަރު ކުރިން ކުރިމަތިވީ ސުނާމީ ކާރިސާއިން ރާއްޖެއަށާއި ދިވެހިނަށް ލިބުނު ގެއްލުންތަކާއި ދަތިތަކުގެ ހަނދާނުގައި ބެއްހެއްޓި ބިނާއެކެވެ. އެ ބިނާގެ ވަށައިގެން ވާ ދަގަނޑު ހޮޅިތައް ނިސްބަތް ވަނީ ސުނާމީގެ ކާރިސާގައި މަރުވެދިޔަ 82 ދިވެހިންނަށެވެ. އެކި ސައިޒުގެ ހޮޅި ބޭނުން ކޮށްފައިވުން ރަމްޒު ކޮށްދެނީ އެބިރުވެރި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުފުރާގެ މީހުންނެވެ. އެބިނާ ވަށައިގެން އަތުރާލެވިފައިވާ 20 އެލުމިނިއަމް ބޯޅަ ރަމްޒް ކޮއްދެނީ ރާއްޖޭގެ ޖަޒީރާ ރަށްތަކެވެ.