ޚަބަރު

ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓުތަކެއް ބަހައްޓަނީ


ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަމިއްލަ މީހުން އަންނަނީ ހެދިކާ ވިއްކަމުންނެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކެކެވެ. ހެދިކާ ވިއްކުމަށް މިހާރު ހަދާފައިވާ ގާޑިޔާތަކުގެ މުއްދަތު ހަމަވެފައިވާތީވެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ ހުޅުމާލެގެ 3 ސަރަޙައްދެއްގައި ހެދިކާ ވިއްކާނެ ޓެންޓްތައް ހެދުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ހުޅުމާލެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުންނަ ހެދިކާ ގާޑިޔާތަކަކީ އާއްމުންގެ މެދުގައި މަޤްބޫލް އަދި މި ޓެންޓްތަކުގެ ސަބަބުން އެތައް އާޢިލާތަކަކަށް އާމްދަނީ ހޯދުމުގެ މަގު ފަހިވެފައިވާ މުހިއްމު މަސައްކަތެކެވެ. އެހެންކަމުން މި ޓެންޓްތައް ބެލެހެއްޓުމާއި މަރާމާތުކޮށް ޚިދުމަތް ދިނުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. މިގޮތުން ހެދިކާ ވިއްކާ ސްޓޯލްތައް ނުވަތަ ޓެންޓުތައް ބަހައްޓާނެ ހިޔާ ކޮށްފައިވާ ރޫފް ޝެލްޓަރ އެއް ހުޅުމަލޭގެ ތިން ސަރަހައްދުގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލެ ނެއިބާހުޑް 1 ، 2 އަދި 3 ގައި ހެދުމަށް ނިންމާފައިވާ މި ޝެލްޓަރތަކުގައި ޖުމުލަ 30 ފަރާތަކަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި ޝެލްޓަރތަކުގައި ހެދިކާ ވިއްކުމުގެ އިތުރުން އޯޕަން އޭރިއާއަކާއި ކުޑަކުދިން ކުޅޭނެ ވަޞީލަތްތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ޑަސްބިންތަކާއި އިށީނދެލާނެ ބެންޗްތައްވެސް ބަހައްޓާފައި ހުންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެޗްޑީސީން ވިދާޅުވީ ޝެލްޓަރތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރާނީ އެ ކުންފުނީގެ ޚަރަދުގައިކަމަށާއި މަސައްކަތް ކުރާނީވެސް ކުންފުނީގެ މުވައްޒަފުންކަމަށެވެ. އަދި މިވަގުތު އެ މަޝްރޫޢުގެ ޕްލޭން އެކުލަވާލާ އަމަލީ މަސައްކަތް ވަނީ ފަށާފައިކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ހެދިޔާ ވިއްކާ ގާޑިޔާތަކުގައި ގިނަ ބަޔަކު ހެދިކާ ވިއްކަމުން އަންނައިރު މިފަދަ 30 ގާޑިޔާއެއް ހުޅުމާލޭގައި ހުރެއެވެ. ނަމަވެސް އެތަންތަނަކީ ކާބޯތަކެތި ވިއްކުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހަދާފައި ހުރި ގާޑިޔާތަކެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

އެޗްޑީސީގެ ޚަރަދުގައި މިހާރު މުޅިން އާ ކޮންސެޕްޓަކަށް ހެދިކާ ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސަން ނިންމާފައި މިވަނީވެސް ރައްޔިތުންގެ މަޝްވަރާއާއި ލަފަޔާއެކުގައެވެ. އަދި މިއާއެކު ހިޔާ ކޮށްފައި ހުރި ތަނެއްގައި ހެދިކާ ވިއްކޭނެ އިންތިޒާމްތަކާއި ދަރިން ގޮވައިގެން ގޮސް ހިތްހަމަޖެހުމާއެކު މަސައްކަތްވެސް ކުރެވޭނެ އިންތިޒާމްތައް ލިބިގެންދާނެއެވެ.