ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް މަޖިލީހަށް ވަޑައިގެން ޕާލަމެންޓަރީ އިންކުއަަރީއަށް މަޢުލޫމާތު ދެއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މައުލޫމާތު ދެއްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްއާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ސުވާލުކުރައްވާފައިވަނީ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތާއި ގުޅޭގޮތުން އެކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީގެތެރެއިންނެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މަޖިލީހަށް ހާޒިރުވެވަޑައިގެން މައުލޫމާތު ދެއްވާފައި މިވަނީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ ވަކިވަކި ސިފައިންގެ އޮފިސަރުންގެ ބަދަލުގައި ސިފައިންގެ މުއައްސަސާއިން ކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ކަމާއި ގުޅޭ ދާއިރާތަކުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ހާޒިރުވަމުންގެންދަވާއިރު، ކޮމިޓީގެ ބައްދަލުވުންތައް ގެންދަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރ އަހްމަދު އަސްލަމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޞިފާ މުޙައްމަދުވެސް ވަނީ ހާޒިރުވެޑައިގެންފިއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ދަނިކޮށެވެ. ރައީސް ނަޝީދަށް ބަޔަކު މީހުން ހަމަލާދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކެނެރީގެ ހުންނަ މަގުގައި ސައިކަލް ޕާކުނުކުރެވޭ ގޮތް ހަދާދިނުމަށް ސިޓީ ކައުންސިލްގައި އެމްއެންޑީއެފުން އެދިފައިވަނިކޮށެވެ. އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ އެމްއެންޑީއެފުން އެދުނު އެދުމާއި އެއްގޮތަށް އަމަލުކުރުމަށް އެކަން ސިޓީއަކުން ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ސިޓީ ލިބިފައި ނުވާކަމަށެވެ.

ރައީސް ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމެޓީން ކުރިޔަށް ގެންދާ އިންކުއަރީއަށް އިއްޔެ ވަނީ ކޮމިޝަނަރ ޕޮލިސް މުހައްމަދު ހަމީދުއާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްވެސް ހާޒިރުކޮށްފައެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި ޖަރުމަންވިލާތުގައިވަނީ އިތުރު ފަރުވާ ހޯއްދަވާފައެވެ. މިހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހެއްގެ ނަން ފުލުހުންވަނީ ހާމަކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ. މީގެ އިތުރުންވެސް 5 ވަނަ މީހަކު މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.