ޚަބަރު

ޙަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި ޕީޖީއަށް ފޮނުއްވައިފި


ޑިފެންސް މިނިސްޓަރުގެ ނައިބު އަލްއުސްތާޛު ޙަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައިގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ޙަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުއްވައިފިއެވެ. އަދި މިމައްސަލަ ބެލުމަށް އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީއަށްވެސްވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައިވަނީ ޒަމީލްގެ މައްސަލަބަލަން ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިންކުއަރީއަށް މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމާފައި ވަނިކޮށް، ޖަވާބުދާރީ ވާނީ މުޅި މުއައްސަސާ އިން ކަން އެންގެވުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައިވަނީ މަޖިލީހުގެ ޤަވާއިދުގެ 34 ވަނަ ބާބުގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމަކާ އެއްގޮތަށް ހާޒިރުވެ ޖަވާބުދާރީވުމަކީ ސަރުކާރުގެ އެކިއެކި މަޤާމްތަކުގައި ތިބި ފަރާތްތަކާއި ސިފައިންނާއި ފުލުހުންގެ ކޮންމެ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ވެސް ލާޒިމްކޮށްފައިވާކަމެއް ކަންވެސް މަޖިލީހުގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ މަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާލިމަންޓްރީ އިންކުއަރީއެއް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކަމާއި ގުޅުހުންހުރި ފަރާތްތަކާއިވަނީ ސުވާލުކުރަން ފަށާފައެވެ،

ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ.
މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އަދި އެމަނިކުފާނުވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވާފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަންވިލާތުގައެވެ.