ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެހާހަށްވުރެ ދަށަށް ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަނީ 1700 ފަތުރުވެރިންނެވެ. މިދިޔަމަސް ނިމުނު އިރު މި އަދަދު ހުރީ 2000 ގައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ މަައިގަނޑު ސަބަބެއް ކަމަށް ލަފާކުރެވެނީ، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އައުން ހުއްޓުމާއި ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެފައިވުމުން އެހެން ޤައުމުންތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވުމެވެ.
ކޯވިޑްއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ސަރުކާރުން ވަނީ މެދުކަނޑާލާފައެވެ.
އަހަރު ފެށިގެން އައި އިރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަށް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 2971 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 3460 ފަތުރުވެރިންނެވެ. މާރޗުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3535 ފަތުރުވެރިން އައިސްފައިވާއިރު، އޭޕްރީލްމަހު ރާއްޖެއަށް 3040 ފަތުރުވެރިން އަދި މޭމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 2080 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަށް ދަށްވަމުން ދިޔުމާއެކު ނިމުނު މޭމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މޭމަހު ރާއްޖެއަށް 64613 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އޭޕްރީލްމަހު ރާއްޖެ ޒިޔާރަތްކުރި 91200 ފަތުރުވެރިންނާ އަޅާބަލާއިރު 29.15 އިންސައްތަ ދަށް އަދަދެކެވެ.
ފަތުރުުވެރިން އަންނަ އަދަދުތައް މިހާރު ދަށްވެފައިވީ ނަމަވެސް، ރާއްޖެއިން ކޯވިޑްގެ ކޭސްތަށް ފެންނަ މިންވަރު ދަށްވެ، ފަތުރުވެރިން އަންނަ އަދަދުތައް އަންނަ މަސްތެރޭ އިތުރުވެގެން ދާނެކަމަށް ލަފާކުރެއެވެ.
އެގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމްވެސް ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީ ނަމަވެސް އަންނަ މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދުތަށް ރަނގަޅުވާން ފަށާނެކަމަށް ލަފާކުރެވޭކަމަށެވެ.