ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އިޢުލާންކުރުން ލަސްކޮށްފިއެވެ.
މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އިޢުލާން ކުރަން ކުރިން ނިންމާފައިވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް މިހާރު ދާއިމީ ލިސްޓު އިޢުލާން ކުރަން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.
ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދާއިމީ ލިސްޓު އިޢުލާން ކުރުން ލަސްކުރަން ނިންމާފައިވަނީ ކޯވިޑު-19ގެ ހާލަތު އިތުރަށް ގޯސްވެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީކަމަށެވެ. އަދި އެ މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށްވެސް މި ބަލި ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން، އެމިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާތީކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ ލޯން ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އިއުލާން ކުރުން ލަސްވިނަމަވެސް ލޯން ސްކީމުން ފުރުސަތު ލިބޭ ދަރިވަރުންގެ ތެރެއިން މިހާރު ކިއަވަމުންދާ ދަރިވަރުންނަށް މިހިނގާ ސެމިސްޓަރގައި ލިބެންޖެހޭ ފައިސާ، އެ ދަރިވަރުން އަމިއްލަ ގޮތުން ޚަރަދުކޮށްފައިވީ ނަމަވެސް، އެ ފައިސާ "ރި-އިންބާސް" ކޮށްދޭނެކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ލޯނު 417 ދަރިވަރަކަށް ލިބުނުކަން އަންގާ ވަގުތީ ލިސްޓެއް ނެރެ، އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ލޯނުގެ އެހީގައި ކިޔެވުން ފެށުމަށް 18 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމިއެވެ. ކުރިން ލޯނު ލިބޭތާ 12 މަސްދުވަހުގެ ތެރޭ ކިޔެވުން ފަށަންޖެހޭ ގޮތަށް އޮތްނަމަވެސް މިއަހަރު މިކަމަށް ބަދަލު ގެނެސްފައިވަނީ ކޯވިޑްގެ ސަބަބުންނެވެ. މިއަހަރު ލޯން ސްކީމަށް ކަނޑައެޅީ 137 މިލިޔަން ރުފިޔާއެވެ.
މިއަހރު ހުޅުވާލި ލޯން ސްކީމްއަކީ މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. މިގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމު 770 ފުރުޞަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކުރި 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކުރި 290 ޖާގައެވެ.