ވިޔަފާރި

ފްލައިން ސްކޫލްގެ 15 ދަރިވަރެއްގެ ލޯން ހަޔަރ އެޑިއުކޭޝަންގެ ދަށަށް


އައްޑޫ ފްލައިންގް ސްކޫލްގައި ކިިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްއިން ކިޔަވާ ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެ ދަރިވަރުން ދައްކާކަށް ނުޖެހޭނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުންނެވެ.

މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސް ދުވަހަށް ވަނީ ބަދަލުކޮށްދީފައެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.

އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުން ވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައެވެ.

ފްލައިން ސްކޫލްގެ މައްސަލަތަކުގެ ތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުން ނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.