ޚަބަރު

އަދަދުތައް ދަށްކުރެއްވިއްޖެ؛ އެކަމަކު ފިޔަވަޅުތައް ހަފްތާއަކަށް ދަންމާލަނީ


ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ނުރަކާ ދަރަޖައަކަށްދިޔަ އެންމެ އުނދަގޫ އަދި ދަތި މަސްކަމަށެވެ.

މިދިޔަ މެއި މަހު އެކަނި 34،561 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 88 މީހުން ނިޔާވެފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެޅި އިތުރު ފިޔަވަޅުތަކާއެކު، ޕޮޒިޓިވްވާ މީހުންގެ ޢަދަދު ކޮންމެވެސްވަރަކަށް މިހާރު ދަށްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ތަކުލީފުތަކެއް އުފުލަން ޖެހުނުނަމަވެސް ފިޔަވަޅުތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު މިއޮތް ހާލަތުން އައު އާންމު ހާލަތަކަށް ދިއުމަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރަންޖެހޭކަމަށާއި އެކަންކުރެވޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްގެންކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ލަފާދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނިއު ނޯމަލްއަކަށް ދިއުމަށްޓަކައި މަދުވެގެން ދެހަފްތާވަރު ބޭނުންވޭ. އެހެންކަމުން މިހާރު ދެހަފްތާއަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް އަޅުގަނޑުމެން ރެސްޓްރިކްޝަންތަކާއެކީގައި އިތުރުކުރާނަން. އެއަށްފަހު އެއްވެސް ލުޔެއް ދެވެންއޮތްކަމުގައިވާނަމަ، އެލުޔެއް ދިނުމާއެކީގައި އަދިވެސް އެއް ހަފްތާއަށް ކުރިއަށްގެންދާނަން" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ރާޅުގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށީ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެންކަމަށެވެ. މެއި މަހުގެ ފަހުކޮޅާހަމައަށް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، މުޅި ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވްޓީ ރޭޓް %31އަށް ދިޔަކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ސާމްޕަލް ޕޮޒިޓިވްޓީ ރޭޓް، %40 އާއި %50 އާ ދެމެދު ހުރުމަށްފަހު މިހާރު އެއަދަދު ހުރީ %27ގައި ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައިވެސް ސާމްޕަލް ޕޮޒިޓިވިޓީ ދަށްވަމުންދާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ޓާގެޓަކީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް، %5އަށް ހެދުން. އެހެންވީމަ އަދިއެބައޮތް ކުރަންޖެހޭ މަސައްކަތް. އެކަމަކުވެސް މި ހޯދުނީ އަސްލު ވަރަށް ރަނގަޅު ނަތީޖާއެއް. ދެން މިގޮތަށް ހިފަހައްޓާލެވިއްޖެނަމަ ކުރިއަށްއޮތްތަނުގައި މަޑުމަޑުން ދަށްވެގެންދާނެ. އަދި ރައްކާތެރިވެގެން އުޅެވިއްޖެނަމަ މުޖުތަމަޢުގެ ތެރޭގައި އެހާބޮޑަށް ބަލި ނުފެތުރި ހިފަހައްޓާލެވޭނެ. އެއީ އުންމީދަކީވެސް" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 68،000އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 189 މީހުންވަނީ މިބަލީގައި ނިޔާވެފައެވެ. މީގެ ތެރެއިންވެސް ގިނަ މީހުން ޕޮޒިޓިވްވެ ނިޔާވެފައިވަނީ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ކުރިމަތިވެފައިވާ ސަރޖްގައެވެ.