ޚަބަރު

މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި


އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުޤީޤްކުރި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ ޖޮއިންޓް އިންވެސްޓިގޭޝަނުން ކުށްކޮށްގެން ހޯދާފައިވާ ފައިސާ މިނިސްޓަރ އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުޤީގާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށެވެ.

އެގޮތުން، އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަން ތަޙުޤީގަށް އެނގިފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.

އެސްއޯއެފްގެ ޗެކަކުން މަޚުލޫފުގެ އެކައުންޓަށް 33,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އަޙްމަދު މަޚްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަޙްމަދު އަދީބު، އަޙްމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭކަންވެސް އޭސީސީންވަނީ ފާހަގަކޮށްފައެވެ.

އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33,000 އެމެރިކާ ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގެން ނެތްކަމަށްވެސްވަނީ ހާމަކޮށްފައެވެ.

އަދި އެފައިސާއަކީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތުމުން މި މައްސަލައިގައި އަޙްމަދު މަޚްލޫފްގެ މައްޗަށް ދަޢުވާކުރަން ނިންމީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)ގެ ދަށުންކަމަށް އޭސިސީން ވިދާޅުވިއެވެ.

އަދި 33,000 އެމެރިކާ ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގައި ސައްޙަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީއަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާގެ ނަގުދު ފައިސާއިން އެސް.އޯ.އެފްއާ ޙަވާލުކޮށްފައިވާނެ ކަމަށް، މަޚްލޫފް އޭ.ސީ.ސީއަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް ސާބިތުވެފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން، މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުންނަށްވެސްވަނީ ނިންމާފައެވެ.

މީގެއިތުރުން އެ މުޢާމަލާތާއި ގުޅިގެން ގ.ހާފްސީ ޢަލީ މުބީން ބަޔާން ދީފައިވަނީ އޭ.ސީ.ސީ އަށް ދޮގު މަޢުލޫމާތު ދިނުމުގެ ގޮތުންކަން ތަޙްޤީޤަށް އެނގެން އޮތުމުން އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން، ދައުވާ ކޮށްދިނުމަށްވެސް އޭސީސީންވަނީ ޕީޖީއޮފީހަށް ހުށައަޅާފައެވެ.