ޚަބަރު

ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން ޢަލީ ވަޙީދު ކޯޓުގައި އެދިއްޖެ


ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އޭނާ ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުންވަނީ ޝަރީޢަތުގެ އަޑުއެހުންތައް އޮންލައިންކޮށް ބާއްވައިދޭން އެދި އަލީވަހީދު އެކޯޓަށް ސިޓީއެއް ފޮނުވާފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކޯޓުން މިކަމާއި ގުޅޭގޮތުން އަދި ވަކިގޮތެއް ނިންމަވާފައިނުވެއެވެ.

އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އަލީ ވަހީދު ކްރިމިނަލް ކޯޓުގައި އެދިފައިވީ ނަމަވެސް، އެއީ އެކޯޓުގައި އާންމުކޮށް އަމަލުކުރަމުންގެންދާ އުސޫލެއްނޫނެވެ. މިމައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރި ނަމަވެސް، އެންމެ ފަހުން ކްރިމިނަލް ކޯޓުން ހިއްސާކޮށްފައިވާ ޝެޑިއުލްގައި އަލީ ވަހީދުގެ މައްސަލަ ތާވަލުކޮށްފައިނުވެއެވެ.

ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ ވަޙީދު އެދިފައިވާއިރު، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާއެކު ވެފައިވާ 4 މަސްދުވަހުގެ އެއްބަސްވުމުގެ މުއްދަތު މިއަދަށްވަނީ ހަމަވެފައެވެ. ޖާމިނުވި ނަމަވެސް އަލީ ވަހީދު އުޅޭތަނެއް ނޭނގޭކަމަށް އަސްހަދު އަލީ ބުނުމުން އޭނާއަށް ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓާ ޖެނަރަލްވަނީ ކުރިމިނަލް ކޯޓުގައި އެދިފައެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކެމެއް އަންނާނެއެވެ.