ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މާލޭގައި ފުރިހަމަކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މާލެސިޓީ ކައުންސިލުގައި އެދެފިއެވެ.
މިނިސްޓަރ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ޒަމާނީ ފާހަނާތަކާއި ވިއްސާރައިގައި ހިޔާވެވޭ ކަހަލަ ތަންތަން މާލެއަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލްގެ އަރިހުގައި އެދޭކަމަށް މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ، ޔޮޓުފަހަރުގެ ގެސްޓުން ފައިބާނެ ޖެޓީ އެމްޓީސީސީއާއި ގުޅިގެން ވަރަށް އަވަހަށް ހަމަޖެހިގެންދާކަމަށެވެ.
ކޯވިޑް19އާ ގުޅިގެން މިވަގުތު މާލެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވީނަމަވެސް މާލޭގައި ހުރި އާސާރީ ތަންތަނާއި އެހެނިހެން ޚިދުމަތްތައް ހޯދަން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ އާދެއެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މާލޭގައި ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ މުހިންމުކަމެކެވެ.
މިވަގުތު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވީނަމަވެސް އަންނަ މަހުން ފެށިގެން އަނެއްކާވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރެއެވެ.
މީގެކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން އިމާރާތެއް ތަރައްޤީކޮށްފައެވެ. މި ސެންޓަރުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް ހޯދުމަށްވެސް އެއިރު ކައުންސިލުން ހުޅުވާލިއެވެ.