ޚަބަރު

ސަރުކާރުން އެޕޯލޯއާ ހަވާލުކޮށްގެން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ފަށައިފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގައި އަޅާ 1000 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ އަމިއްލަ ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިގްސްއިން އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެޕޯލޯއާ ހަވާލުކުރީ ހަތަރު ކެޓަގަރީއަކަށް ޚާއްސަކޮށްގެން 1000 ފްލެޓް އެޅުމަށެވެ. އެ ފްލެޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މިއީ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މިކްސްޑް ރެސިޑެންޓް ހައުސިންގ ޕްރޮޖެކްޓުގެ ބައެއްވެސް މެއެވެ.

1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މިގޮތުން މި މަޝްރޫއުގައި އަޅާ ހައުސިން ޔުނިޓްތަކުގައި ކައުންސިލް ހައުސިންގް އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑް ރޭންޖްގެ ހައުސިން ޔުނިޓްތައް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެކި ޒޯންތަކަށް ބަހާލައިގެންނެވެ.

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިގޮތުން މާލެއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް ދެއްވުމަށްޓަކައި މިދައުރުގެ ތެރޭގައި 15000 ހައުސިން ޔުނިޓް ޢިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައު ރައީސް ވަޢުދު ވެވަޑައިގެންފައިވާ ފަދައިން މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ވިދާޅުވި 5000 ހައުސިން ޔުނިޓްގެ ތެރެއިން 1000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުންވެސް އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށްވެސް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ މާލޭގައި މިހާރުހުރި ބައެއް ހުސް ބިންތަކުގައިވެސް ހައުސިންގ މަޝްރޫޢު ހިންގުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގިނަ މައްސަލަތަކެއްގެ އަސްލު ކަމަށްވާތީ، މިއީ މިހާރުން މިހާރަށް ވެސް ޙައްލު ކުރަންޖެހިފައިވާ މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ވިހި ހާސް ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތްތަކާއި ފަހަށް ރައްކާކުރުމުގެ އުސޫލެއްގެ ތެރެއިން ހޯދެން ހުރި ޙައްލުތަކުންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެދޮރުގެ ދަތިތަކަށް ޙައްލު ގެނައުންވެސް މި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ.