ޚަބަރު

ބޮމުގެ ހަމަލާގައި ޒަޙަމްވި މީހަކަށް އަޅާނުލާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ޒަޚަމްވި މީހަކަށް އެންސްޕާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، ސިފައިންގެ އޮފިސަރުންނާއި އާންމު ބައެއް ފަރާތްތަކަށްވެސް އަނިޔާވެފައިވާއިރު، ފަޔަށް ލިބުނު ޒަޚަމްތަކަކާއި ގުޅިގެން އާދަމް އަލީ ކިޔާ މީހަކު ހާލުގައި ޖެހިފައިވާކަން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އެހީ ލިބުމުގައި ލަސްތަކެއްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރިކަންވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ބޮމުގެ ހަމަލާގައި ޒަޚަމްވި އެ މީހާއަށް މި މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވޭނެ އެހީގެ މަޢުލޫމާތު ހިއްސާކޮށްފައިވާނެކަމަށެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެހީތެރިކަން އޭނާއަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަން އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން އެނިސްޓްރީން މަޢުލޫމާތު ކަށަވަރުކުރެއްވުމަށްވެސް ދަންނަވާފައެވެ.

ރައީސް ނަޝީދަށް ސީދާ އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން މި ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖީދީމަގާއިވީކޮޅަށް ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.

ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅުތަކެއް ރައީސް ނަޝީދުގެ ހަށިކޮޅުގެ އެކިތަންތަނަށް ވަދެފައިވާއިރު، އެވަގުތު އެސަރަޙައްދުގައި ތިބި ބައެއް ފަރާތްތަކަށްވެސް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.