ޚަބަރު

ކޯވިޑް ޖެހިގެން ސީރިއަސްވި 7 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި


ކޯވިޑް ޖެހިގެން ސީރިއަސްވި 7 އަހަރުގެ ކުއްޖާ ހާލުރަނގަޅުވެ ވެންޓިލޭޓަރުން ނަގައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އަހްމަދު ފައިސަލް ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން ކޯވިޑް ޖެހުނު 7 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެފަހުން ކުރިމަތިވި ކޯވިޑްގެ ރާޅުގައި ކުޑަކުދިންނާއި މާބަނޑު މީހުންނަށްވެސް ބޮޑުވަރުވެ ސީރިއަސް ހާލަތަކަށްދިޔަކަން ފާހަގަކުރެވުނުކަމަށެވެ. އެގޮތުން ހާލުދެރަވެގެން ވެންޓިލޭޓަރަށްލާން ޖެހުނު ކުޑަކުއްޖާގެ ހާލުރަނގަޅުވަމުންދާކަމަށާއި، ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލެވޭނެކަމުގެ އުންމީދު އޮތްކަން ޑޮކްޓަރ ފައިސަލް ފާހަގަކުރެއްވިއެވެ.

"ގެއްލުން ބޮޑުވެގެންދާ ކުޑަކުދިންނާއި މާބަޑުމީހުންނަށް ފަރުވާދިނުމުގައިވެސް ކުރިއެރުތަކެއް ލިބުނު. އެގޮތުން އުފާވެރި ޚަބަރެއް އެބައޮތް. އެއީ އަޅުގަނޑުމެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވެންޓިލޭޓަރަށް ލާންޖެހުނު ކުއްޖަކު މިހާރު މިވަނީ ވެންޓިލޭޓަރުން ނެގިފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ އަދި ދޫވެސްކޮށްލެވޭނެ. އެއީ ﷲގެ ރަހުމަތުން ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް" ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޯވިޑް ޖެހިފައިވާ 7 އަހަރުގެ ކުއްޖެއްގެ ހާލަތު އިތުރަށް ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައިވަނީ މޭމަހުގެ ފަހުކޮޅުން ފެށިގެންނެވެ. އޭރު އެކުއްޖާއަށް ފަރުވާދެމުން ދިޔައީ ހާލަތު ސީރިއަސް އަދި ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައި ކަމަށް އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.

އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް ރާޅުގައި އެތައް ކުޑަކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މިހާރުވެސް ދުވާލަކު 52 ކުދިން ކޯވިޑް-19އަށް ޕޮޒިޓިވްވަމުން ދާކަން އެޗްޕީއޭއިންވަނީ ފާހަގަކުރައްވާފައެވެ. އަދި މިބަލީގައި 10 އަހަރުގެ ކުއްޖަކުވަނީ ނިޔާވެފައެވެ. ކުޑަކުދިން މިބަލިން ރައްކާތެރިކުރުމަށް ސިއްޙީ މާހިރުންގެންދަވަނީ ތަކުރާރުކޮށް އިރުޝާދުދެއްވަމުންނެވެ.