ވިޔަފާރި

މުހިއްމީ ރިސޯޓްތައް ހުޅުވި، އޭގެ ފައިދާލިބުން: މައުސޫމް


ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އާމްދަނީ ހޯދުމަށް ބަރޯސާވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށްވާއިރު، މި ސިނާއަތް ރާއްޖޭގައި ކުރިއަރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއެވެ. ފަތުރުވެރިކަމުން އެންމެ ބޮޑު ނަފާއެއް ލިބެނީ އާ ރިސޯޓްތައް ހުޅިގެން ދިޔުމުންނެވެ. އެތައް ވަޒީފާތަކެއް ހުޅުވި، އެކި އެކި ވިޔަފާރިތަކަށްވެސް މީގެން ލިބޭ ނަފާ ބޮޑެވެ. އަދި އާ ރިސޯޓްތަކާއެކު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީވެސް އިތުރުވެއެވެ.

މިގޮތުން ސަރުކާރުން މި އަހަރުވަނީ 16 ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލާފައިވާފައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ގިނަ ގޮންޖެހުންތަކެއް މިކަމަށް ކުރިމަތިވިއެވެ. އިންވެސްޓަރުންނަށްވެސް މާލީ ގޮތުން ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. މިއާ އެކު ސަރުކާރުން ވަނީ މި ރަށްތަކުގެ ބީލަމުގެ އުސޫލުތަކަަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މި ރަށްރަށުގެ ލީޒް އެކިއުޒިޝަން ކޯސްޓް ކުޑަކޮށްދިނުމާއި ބީލަން ހުށަހެޅުމުގެ ސުންގަނޑިވެސް ވަނީ އިތުރުކޮށްދީފައެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްޤީކުރަން ދޫކުރާ ހުރިހާ ރަށަކާއި ބިމަކުންވެސް އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ކުޑަކޮށްދީފައެވެ.

މިއާއެކު ބައެއް ފަރާތްތަކުން ބުނަމުން މިދަނީ ސަރުކާރުން މި ރަށްތަށް ނުއަގުގައި ވިއްކާލަނީ ކަމަށެވެ. އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ދަނީ މިކަންތަކާއި ގުޅޭ މައުލޫމާތުތައް އާއްމުންނާއި ހިއްސާކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ލީޒް އެކުއިޒިޝަން ކޯސްޓް ދަށްކޮށްފައިވަނީ ކުޑަ އަގެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ވާދަވެރި ރަށްތަކަށް އެއަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިނިމަމް އަގެއް އޭދީ ޖަހާފަ، މީހަކު ނަގަންޏާ އެއަށް ވުރެ ދަށްކޮށެއް ނުނެގޭނެ، އެއީ މިނިމަމް ލީޒް އެކުއިޒިޝަން، އަޅުގަނޑުމެން މިދަނީ ވާދަވެރި ބީލަމަކަށް، އެހެންވީމަ އެއަގު އެއަށްވުރެ މައްޗަށް ދިޔުމުގެ ފުރުސަތު އޮންނާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރިސޯޓް ހަދަން ރަށްތައް ދޫކުރާއިރު އެންމެ މުޙިއްމު ވަނީ ލީޒް އެކުއިޒިޝަން ފައިސާއެއް ނޫން ކަމަށެވެ. ރިސޯޓެއް ތަރައްޤީވެ، އެއާއެކު އިޤްތިސާދަށް އެ ލިބޭ ފައިދާތައް މާ މުޙިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރިސޯޓް ނަގާ ފައިސާއަކީ އެއްފަހަރު ލިބޭ އެއް އަދަދެކޭ، އެ ފައިސާ މިއަދު ނަގާފަ، ރިސޯޓް ހަދަން ފަށާ ހިސާބުން ފެށިގެން ރާއްޖޭގެ އިޤްތިސާދަށް އެބަވަދޭ، ރިސޯޓް ހެދުމާއި ގުޅިގެން އަންނަ ހުރިހާ އިޤްތިސާދީ ހަރަކާތްތަކެއް، މަސައްކަތްތެރިންނަށް ވަޒީފާތަށް ލިބި، ރިސޯޓް ހުޅުވޭ ހިސާބުން ދައުލަތަށް އެކި ޓެކްސްތަކުގެ ފައިސާ ލިބޭނެ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް ގާތްގަނޑަކަށް 85 ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށް ނުހެދި އެބައޮތެވެ. އެހެންކަމުން މިހާރު ދޫކުރާ ރަށްތަށްވެސް އެގޮތަށް ވެދާނެކަމާއި މެދު ގިނަ ކަންބޮޑުވުންތަކެއް އާއްމުންގެ އެބަހުއްޓެވެ. އެހެންނަމަވެސް ޓޫރިޒަމް މިނިސްޓްރީ ހާމަކުރާގޮތުގައި މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު އަލަށް ދޫކުރާ ރަށްތައް 3 އަހަރުދުވަސްތެރޭ ހަދާ ނިމޭނެކަމާމެދު އުއްމީދު ބޮޑެވެ. އެގޮތުން މިހާރު ހަދާފައިވާ ފޯމިއުލާގައި މި ދޫކުރާ ރަށްތައް އަވަހަށް ހަދާ ހުޅުވާލެވޭނެ ކަމަށާއި ނުހެދި ހުރި ރަށްތައްވެސް އަވަހަށް ހުޅުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު ބިނާ ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ކޯވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ އަސަރުތަކެއްކޮށްފައިވާއިރު، މިކަމުގެ ސަަބަބުން މިދާއިރާގައި މަސައްކަތްކުރާ ގިނަ ދިވެހިންގެ އާމްދަނީއަށްވެސް ވަނީ އަސަރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓްތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކަށް ހިމެނެއެވެ. މިއީ މިހާރުވެސް ރާއްޖޭގައި ފަތުރުވެރިކަން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ސަރަޙައްދުތަކެވެ. އެހެންކަމުން މިރަށްތަކުގައި ރިސޯޓްތައް ތަރައްޤީވެގެން ދިޔުމަކީ އެ ސަރަޙައްދުތަކަށް ގިނަ ކުރިއެރުންތަކަކާއި ތަރައްޤީތައް ލިބިގެންދާނެ ކަމެކެވެ.