މާލޭގައި ތިބި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އިތުރު 4000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ ލޯން ސްކީމް" ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ގެދޮރުވެރިޔާ ލޯން ސްކީމް" ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށްބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއްކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށާއި ޚާއްޞަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫޢު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް 7000 ފްލެޓް އެޅުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން 4000 ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "ގެދޮރުވެރިޔާ ލޯނު ސްކީމް"އަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ޚަލާޞްކުރާ ގޮތަށް، ތަޢާރަފުކުރާ ލޯނު ސްކީމެއްކަމަށެވެ. މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނުވަތަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ ޢިމާރާތެވެ. އަދި ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5000 ރުފިޔާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި، ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ގިނަވެގެން ހަތް ލައްކަ ރުފިޔާ، ކޮންމެ ފަރާތަކަށް ދޫކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުޞަތު ފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.