ކުޅިވަރު

މަހިބަދޫ މައްޗަށް އީގަލްސްއިން ފަސޭޙަ މޮޅެއް


ފަސޭޙަކަމާއެކު މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް
ކުރި ހޯދާ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ތިންވަނަ މަޤާމަށް ކްލަބް
އީގަލްސްއިން ޖެހިލައިފިއެވެ. 

މިއަދު ހަވީރު މަހިބަދޫގެ މައްޗަށް އީގަލްސްއިން
ކުރި ހޯދީ ހަތް ލަނޑު އެއް ލަނޑުންނެވެ. މެޗްގައި އީގަލްސްއިން ޖެހި ހަތް ލަނޑުގެ
ތެރެއިން ތިން ލަނޑު އަންސަރު ކާމިޔާބުކޮށްދިންއިރު ރިޒުވާން ވަނީ ދެ ލަނޑު
ކާމިޔާބުކޮށްދީފައެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަނީފްއާ، ޔަޝްވާދުއެވެ.
މަހިބަދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެންޑަރސަންއެވެ.

މި މެޗުން މޮޅުވެ
ކްލަބް އީގަލްސް ތާވަލްގެ ތިންވަނާގައި އޮތީ ވިހި ޕޮއިންޓާއެކުއެވެ. މަހިބަދޫ އޮތީ
ތާވަލްގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކުއެވެ. މެޗަށްފަހު އީގަލްސް
އެސިސްޓެންޓް ކޯޗް އަހުމަދު ޝާކިރު ބުނީ މިވަގުތު އީގަލްސްގެ ވިސްނުން ބޮޑަށް ހުރީ
ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމަށްކަމަށެވެ. " ޓީމަށް މިހާރު
ލީގުގައި ލިބޭނެ އަދި ގެއްލޭނެ އެއްޗެއް ނެތުމުން މިވަގުތު ބޮޑަށް ވިސްނުން ހުރީ
ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމަށް. އެގޮތުން މިއަދުގެ މެޗްގައިވެސް
އެކާވީސް އަހަރުން ދަށުގެ ހަ ކުޅުންތެރިއަކު ވަނީ ކުޅެފަ." ޝާކިރު ބުންޏެވެ. 

މަހިބަދޫ ޓީމުގެ އެސިސްޓެންޓް ކޯޗް ހުސެން އައްބާސް
ބުނީ ޓީމު ރެލިގޭޓްވެފައި އޮތުމުން މެޗް ސީރިއަސްކަން ކުޅުންތެރިންގެ ފަރާތުން
ނުފެނުމަކީ ޓީމުގެ ފަރާތުން މިހާ ދަށް ނަތީޖާ ފެންނަ ސަބަބު ކަމަށެވެ. "
މިހާރު ޓީމު ރެލިގޭޓްވެފައި އޮތުމުން ކުޅުންތެރިންނަށް މެޗް ސީރިއަސްކަމެއް
ނުދެވޭ. އެހެންވެ ކޮންމެ ކުޅުންތެރިޔަކުވެސް އައިސް މެޗް ކުޅެލާ އުސޫލުން ކުޅެލާފަ
ދަނީ. މިއީ ކަންނޭންގެ އެހާ ގިނައިން ބައިކޮޅަށް ލަނޑުތަކެއް ވަންނަ ސަބަބަކީ."
އައްބާސް ބުންޏެވެ.



އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ
މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ކްލަބް ވެލެންސިޔާއެވެ.