ވިޔަފާރި

އީއައިބީން ރާއްޖެއަށް އިތުރު ލޯނު އެހީއެއް


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެހީތެރިވުމަށް ރާއްޖެއަށް އިތުރު ލޯން އެހީ ދިނުމަށް ތައްޔާރުވަމުންދާކަމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީން ހާމަކޮށްފިއެވެ.

ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބޭއްވި "އިންވެސްޓިން އިން މޯލްޑިވްސް" ވެބިނަރގައި ވާހަކަދައްކަވަމުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއާއިބީގެ ވައިސް ޕްރެސިޑެންޓު ކްރިސްޓިއަން ކެޓަލް ތޮމްސަން ވިދާޅުވީ މިދިޔަ އަހަރުތެރޭ އެ ބޭންކުން ފޯރުކޮށްދިން ލޯން އެހީ ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިން މި ލޯން ޕްރޮގްރާމްގެ އިތުރު ބުރެއް ފެށުމަށް މަސައްކަތްކުރަމުން މިދަނީ، އުއްމީދަކީ އަންނަ މަސްތެރޭ މި ލޯން ޕްރޮގްރާމް ކުރިއަށްގެންދިޔުމާއި މެދު ގޮތެއް ނިމިގެން ދިޔުން،" ތޮމްސަން ވިދާޅުވިއެވެ.

"އިންވެސްޓިން އިން މޯލްޑިވްސް" ވެބިނަރގައި ރާއްޖޭގެ އެކި މިނިސްޓްރީތަކުން ވަނީ ބައިވެރިވެ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ. މި ވެބައިނަރގައި 90އާ ގާތްކުރާ އަދަދަކަށް އިންވެސްޓަރުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރުތެރޭ އީއައިބީން ދިން ލޯން އެހީ ވިޔަފާރިތަކަށް ފޯރުކޮށްދީފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މިލޯނު އެހީއަކީ ކޯވިޑް-19 އަށްފަހު ރާއްޖޭގެ އިޤްތިސާދު އާރާސްތުކޮށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް، ވަޒީފާތައް ރައްކާތެރިކުރުމަށް އެހީވުމަށް ދެވޭ ލޯނެއްކަމަށް އެބޭންކުން އޭރު ބުނެފައިވެއެވެ.

މި ލޯން އެހީގެ ދަށުން ރާއްޖޭގެ 57 ވިޔަފާރިއަކަށް ވަނީ ލޯން ދޫކޮށްފައެވެ.
އީއައިބީއިން ދަނީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އީއައިބީއަކީ އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކަށް އެކި ގޮތް ގޮތުން އެހީތެރިވަމުން އަންނަ ބޭންކެކެވެ. އެގޮތުން ސިއްހަތާއި ދުޅަހެޔޮކަމާއި، މަސައްކަތުގެ މާހައުލާއި، އިޤްތިސާދީ ކުރިއެރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތަކާއި މުޖުތަމައުތައް ތަރައްޤީކުރުމާއިބެހޭ ލަނޑުދަނޑި ހާސިލްކުރުމުގައި އީއައިބީން ދަނީ ޤައުމުތަކަށް އެހީތެރިވަމުންނެވެ.