ޚަބަރު

ލާމަރުކަޒީ ޤާނޫނާ ތަޢާރުޒުވާ 6 ޤާނޫނަކަށް ގެންނަ އިސްލާޙު ރައީސް އޮފިހަށް ފޮނުވައިފި


ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޒުވާ 6 ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލްތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިކަން ހާމަކުރައްވާފައެވެ. ލާމަރުކަޒީ ޤާނޫނާއި އެޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޒުވާ ޤާނޫނުތައް 23 ޑިސެންބަރު 2020އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އިޞްލާޙު ކުރަންޖެހެހެއެވެ. އަދި އެއިސްލާޙުގެ ބިލްތައް ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް މިމުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ލާމަރުކަޒީ ޤާނޫނާ ތަޢާރުޒުވާ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ބިލުތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަނީ ފޮނުވާފައިކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

އިޞްލާޙު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ބިލުތައް

  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ޤާނޫނުނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު

ރައްޔިތުންގެ މަޖިލީހުގެ، ހިނގަމުންމިދާ ދައުރަށް ސަރުކާރުން ހުށަހަޅުއްވަން ނިންމަވާފައިވާ ބިލުތަކުގެ ތެރެއިން 8 ބިލެއް މިހާރުވެސް ވަނީ ފޮނުވާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިހިނގާ 2021ވަނަ އަހަރުގެ 2ވަނަ ދައުރުގެ ތެރޭގައި ޖުމްލަ 19 ބިލެއް މަޖިލީހަށް ފޮނުއްވަން ނިންމަވާފައިވާކަމަށެވެ. މީގެ ތެރެއިން މިހާތަނަށް މަޖިލީހަށް ފޮނުއްވާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ 2 ބިލެވެ.

މީގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލުގެ އިތުރުން ޖަނަވާރުގެ ސިއްޙަތާ ބެހޭ ބިލަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުވެސް މީގެތެރޭގައި ހިމެނެއެވެ.