ވިޔަފާރި

ބީއެމްއެލް އެޕުން ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި މިހާރު ފައިސާ ޓްރާންސްފަރ ކުރެވޭނެ


ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕަށް ބަދަލު ގެނެސް އިތުރު ފީޗަރސްތަކާއެކު ތައާރަފްކޮށްފިއެވެ.

އެޕަށް އަލަށް ތަޢާރަފްކޮށްފައިވާ ފީޗަރސްތަކުގެ ތެރޭގައި

  • ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ފަސޭހަ ގޮތެއް
  • ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
  • ކުރިންކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
  • ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ
  • ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުން
  • ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން


ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

" އަލަށް ތައާރަފްކޮށްފައިވާ މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ޚިދުމަތްތައް ހިމެނިގެންދާނެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފް ކުރެވިގެންދާނެ." ޓިމް ސޯޔަރ ވދާޅުވިއެވެ.

2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންގއަށް ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު 73 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައިވާކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

އެޕް ސްޓޯރ އާއި ގޫގުލް ޕްލޭއިން ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް ޑައުންލޯޑްކުރެވޭނެއެވެ.