ޚަބަރު

ކާމިޔާބު ދަތުރުފުޅަކަށްފަހު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ކާމިޔާބު ދަތުރުފުޅަކަށްފަހު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ގާތްގަނޑަކަށް 2 މަހެއްހާ ދުވަސް ފަހުންނެވެ.

މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅު މިނިސްޓަރ ޝާހިދު ނިއުޔޯކްއަށް ފުރާވަޑައިގެންނެވީ އދ. އާއްމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގެ ދަށުންނެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އެ އިންތިހާބު ތަނަވަސް އަޢުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައެވެ.

މިނިސްޓަރ ޝާހިދު އެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުގެ ތެރެއިން 143 ވޯޓާއެކުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ޚާރިޖީ ވަަޒީރު ޢަބްދުﷲ ޝާހިދު ވަނީ 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. އެ މަންދޫބުންނާއި ބައްދަލުކުރައްވައި، އެމަނިކުފާނު ހުށަހެޅުއްވި "އުއްމީދުގެ ރިޔާސަތު" ކުރިއަށްގެންދާނެ ގޮތަކާއި އަދި އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.