ޚަބަރު

ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ކޯވިޑް ބަލިމަޑުކަމުގެ ޙާލަތުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ އިޤްތިސާދަށާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުގެ ތެރެއިންވެސް އެންމެ ބޮޑު ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވަނީ ގެސްޓު ހައުސް ހިންގާ ފަރާތްތަކަށެވެ.

ކޯވިޑާއި ގުޅިގެން 2020ވަނަ އަހަރުގެ ތެރޭގައި އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ގެސްޓު ހައުސްތަކަށް ބަންދުކޮށްފައި ހުރި މުއްދަތުގައި އެތައް މިލިޔަން ޑޮލަރުގެ ގެއްލުމެއް ވެފައިވާއިރު އަލުން ގެސްޓްހައުސްތައް ހުޅުވައިގެން މާބޮޑު ކުރިއެރުންތަކެއް ނުލިބެނީސް ދާދިފަހުން ކުރިމަތިވި ކޯވިޑްގެ ރާޅާއެކު ރަށްރަށުގެ ގިނަ ގެސްޓްހައުސްތަކެއް ބަންދުކުރަންޖެހި ގިނަ ގެއްލުންތަކެއް ލިބުނުކަން ގެސްޓްހައުސް ހިންގާ ފަރާތްތަކުންދަނީ ބުނަމުންނެވެ.

މިއާއެކު ގެސްޓްހައުސް ވިޔާފފާރުކުރާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުންވަނީ އެކޮ ގޮތްގޮތުން މަސައްކަތްފަށާފައެވެ. އެގޮތުން ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ގެސްޓުހައުސްތަކުގެ ވިޔަފާރީގައި ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު މިއަހަރުގެ މާޗް މަހުގެތެރޭގައި ސަރުކާރުންވަނީ އިސްލާޙްކޮށްފައެވެ.

އަދި ގެސްޓު ހައުސްތަކުން ދައްކަންޖެހޭ ބިލުތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް އިންތިޒާމު ހަމަޖައްސައި ދޭނެކަމުގެ ޔަޤީންކަން އެފަދަ ޚިދުމަތްދޭ ސަރުކާރުގެ ބައެއް ކުންފުނިތަލުންވަނީ ދެއްވާފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގާ ރަށްރަށުގައި ކޯވިޑް ބަލިމަޑިކަން އިންތިހާއަށް ފެތުރެން ފެށުމާއެކު ގިނަ ގެސްޓުހައުސްތައް ބަންދުކޮށްފައިވާއިރު ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމާއި ގުޅިގެން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއްވަނީ މަދުވެފައެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާ މިވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލުންނާ ބައްދަލުކުރައްވާ، ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ޙިއްސާކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއާ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލު ބައިވެރިވެވަޑައިގެން ގެސްޓްހައުސް އެސޯސިއޭޝަންގެ އޮފިޝަލުންގެ ސުވާލަކާއި ފާހަގަކުރި ކަންކަމަށް ޖަވާބުދެއްވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ޙައްލެއް ގެނައުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ލޯނަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މިފަދަ ރިލީފް ޕެކޭޖްގެ ދަށުން ގެސްޓުހައުސް ހިންގާ ފަރާތްތަކަށްވެސް ވަނޫ ފުރުސަތު ހުޅުވާލެވިފައެވެ. ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ "ކޯވިޑް-19 ރިކަވަރީ ލޯނު ސްކީމް"ގެ ނަމުގައިވެސް ލޯނު ދޫކޮށްފައެވެ.

އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އިން ބޭންކް އޮފް މޯލްޑިވްސް އާ އެކު 10މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެ ލޯނު ދޫކުރެވޭނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި، އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް ބީއެމްއެލުންވަނީ ވިދާޅުވެފައެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ އެކި އެކި ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތަށް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެފަރާތްތަކާއި ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން ދާދިފަހުން ސެލޫން ހިންގާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާ ހިއްސާކުރެއްވުމުން އެފަރާތްތަކުގެ ކަންބޮށޑުވުންތައް އައްސަވައި ސަރުކާރުންވަނީ ސެލޫންތަކާއި ބޯކޮށާތަންތަނުގައި ވަކި ޚާއްސަ ގައިޑްލައިންތަކަކާއެކު މަސައްކަތްކުރުމުގެ ހުއްދަދީފައެވެ.