ޚަބަރު

ޑިފެންސް މިނިސްޓަރ މަޖިލީހަށް ވަޑައިގެން އިންކުއަރީއަށް މަޢުލޫމާތު ދެއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ މަޢުލޫމާތު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ ސުވާލުކުރައްވާފައިވާއިރު، މި އިންކުއަރީއަށް، ސިފައިންގެ އިސްވެރިން ހާޒިރުކޮށް މިހާތަނަށް 3 ފަހަރެއްގެ މަތިން ވަނީ ސުވާލުކޮށްފައެވެ.

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ޖަވާބުދާރީވާނީ ސިފައިންގެ ވަކިވަކި އޮފިސަރުންގެ ބަދަލުގައި ސިފައިންގެ މުއައްސަސާއިން ކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވާފައިވަނިކޮށް ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ސިފައިންގެ އިސްފަރާތްތަކާއި ވަނީ ދެފަހަރެއްގެ މަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އަދި ވަކިވަކި ސިފައިންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންވެސް ހިމެނެއެވެ. ޕާލިމެންޓްރީ އިންކުއަރީއަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މިނިސްޓަރ މާރިޔާއަކީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް މައުލޫމާތުދެއްވުމަށް 241 ކޮމިޓީއަށް ވަޑައިގެންނެވި ސަރުކާރުގެ 3 ވަނަ ވަޒީރެެވެ. މީގެކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ ކޮމިޓީއަށް ވަޑައިގެން މައުލޫމާތުދެއްވާފައެވެ. އަދި ގަވަރނަރ އަލީ ހާޝިމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

241 ކޮމިޓީން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރަމުން ގެންދާނެކަމަށެވެ. އަދި އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާ ގުޅިގެން ސެކިއުރިޓީ ބަލިކަށިވި ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.