ޚަބަރު

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޕީޕީއެމްގެ ކައުންސިލަރ ނަރީޝް


މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އިންތިޚާބުކޮށްފިއެވެ.

ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް ހޮވިފައިވަނީ މިކަމަށްޓަކައި ކައުންސިލް މެންބަރުންގެ މެދުގައި ނެގި ވޯޓުގައި 12 މެންބަރުންގެ ތާޢީދާއެކުއެވެ. ނަރީޝްއާ ވާދަކުރެއްވި އެމްޑީޕީގެ މައްޗަންގޮޅި މެދުދާއިރާގެ ކައުންސިލަރ އަޙްމަދު ޟަމީރަށް ލިބިވަޑައިގަތީ 7 ވޯޓެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ 3 ކައުންސިލަރުން ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެން ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ކުރިމަތިލާނީ ނަރީޝް ކަމަށް ނިންމާފައިވަނީ ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 13 މެންބަރުންގެ ތެރެއިން 5 ކައުންސިލަރުންގެ ވޯޓް ލިބިވަޑައިގެންނެވެ.

މާލޭ ސިޓީ ކައުންސިލުގައި ތިއްބެވީ އިދިކޮޅު ޕީ.ޕީ.އެމްގެ 13 ކައުސިލަރަކާއި، އެމް.ޑީ.ޕީގެ 6 ކައުންސިލަރުންނެވެ.