ޚަބަރު

ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ދުބާއީއަށް ފުރާވަޑައިގެންފި


ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު އަހްމަދު މުޙައްމަދު ޞާލިޙް އުމުރުފުޅުން 55 އަހަރުގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާހޯއްދަވަން ދުބާއީގައި ހުންނަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އާއިލީ ބައެއް ބޭފުޅުންވެސް އަޙްމަދު މުޙައްމަދު ޞާލިޙްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ވަނީ ދުބާއީއަށް ވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.