ޚަބަރު

ރިޔާސީ ގަނޑުވަރުގެ ގޮތުގައި ތީމުގެ ހަމަޖައްސަން މެންބަރުން ގޮވާލައިފި


ރިޔާސީ ގަނޑުވަރުގެ ގޮތުގައި ތީމުގެ އަލުން ހަމަޖައްސަވައި އެތަނަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑިޕީއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މެންބަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ވާންވާނީ ސަލާމާތާއި ރައްކާތެރިކަން ރަނގަޅު ފެންވަރެއްގައި ދެވޭނެ ތަނަކަށްކަން ފާހަގަކުރައްވައި އެކަމަށް މިހާރު ހުރި އެންމެ މުނާސަބު ތަނަކީ ތީމުގެކަން ފާހަގަކުރައްވާފައެވެ.

ތީމުގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި އަލުން ބަދަލުކުރަންޖެހޭކަން އެންމެފުރަތަމަ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅި ބިލުގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ފާރާތުން ތަޅުމަށް ހުށަހެޅުމަށްފަހު މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް މިހާރު ހަމަޖައްސާފައިވާ ތަނަށްވުރެ ތީމުގެހުރީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެތަގޮތަކުން ރަނގަޅަށްކަމަށެވެ.

ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާއަކު ހުންނެވުމަށް ދަޢުލަތުން އެތައް ޚަރަދުތަކެއްކޮށްގެން ހަދާފައިވާ ތަނެއްކަމަށާ، އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވަވަޑައިގަންނެވުމަށް ކުރަންޖެހޭކަންކަން ކަމާގުޅުންހުރި ޢިދާރާތަކުން ކުރުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ވަރަށް އެކަށީގެންވާގޮތެއްގައި މީގެ އަހަރުތަކެއްކުރީން ތަނެއް ބިނާކޮށްފައިއެބަވޭ. އެއީ ތީމުގެ. އެދުވަސްވަރު އެތަން ބިނާކުރިއިރު ފާޑުކިއުންތަކެއް އަމާޒުވިނަމަވެސް، އަޅުގަނޑުމެން ރަނގަޅަށް ވިސްނާލާއިރު، އޭރު ރައީސް މައުމޫނު ދުރުވިސްނުންފުޅާއެކު އެނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން." އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޙަމަލާއަށް އިޝާރާތްކުރައްވައި އަސްލަމްގެ އިތުރުން ކޮމިޓީ ރިޕޯޓަށް ބަހުސްކުރެއްވި މަޖިލީހުގެ އެހެން ބައެއް މެންބަރުންވެސްވަނީ ތީމުގެ ރިޔާސީ ގަނޑުވަރަށް ބަދަލުކުރުމުގެ މުހިންމުކަން ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާގޮތުން އިންތިހާއަށް މުހިންމުވެފައިވާކަން ފާހަގަކުރައްވާފައެވެ.

1988ގެ ނޮވެމްބަރުމަހު 3ގައި މާލެއަށް ބާޣީން އަރައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން، ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތީމުގެ ބިނާކުރެއްވައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ތީމުގެ ބަދަލުކުރެއްވީ 1994ގައެވެ.

އޭގެފަހުން 2008ވަނަ އަހަރުގެ ނޮވެމްބަރުމަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރަމުންއައި ތީމުގެ ސުޕްރީމް ކޯޓަށް ބަދަލުކުރައްވައި ރިޔާސީ ގަނޑުވަރަކީ މުލީއާގެކަމަށް ނިންމަވައި އެތަނަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

އޭގެފަހުން މިއަދާހަމއަށްވެސް ތީމުގޭގައި ހިންގަނީ ކޯޓުތަކެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓާއި، ހައިކޯޓުވެސް ހިންގަނީ ތީމުގޭގައެވެ.