ޓުއަރިޒަމް

ފަތުރުވެރިން ރާއްޖެއާއި މެދު ދެކޭގޮތް އެނގުން މުހިއްމު- ޟިރާރު


ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރަން ބޭނުންނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި، ފަތުރުވެރިކަމުގެ ސިނާއާތް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް ޓުއަރިޒަމް މިނިސްޓަރުގެ ނައިބު ޙުސެއިން ޟިރާރު ވިދާޅުވެއްޖެއެވެ. ޓުއަރިޒަމް މިނިސްޓަރުގެ ނައިބު މިހެން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖެއާއިމެދު ދެކޭގޮތް ދެނެގަތުމަށްޓަކައި "މޯލްޑިވްސް ވިޒިޓާރޒް ސަރވޭ"ގެ ނަމުގައި މިދިޔަ ސެޕްޓެމްބަރު އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ދިރާސާއިން އެއްކުރެވުނު މަޢުލޫމާތު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތާއި ހިއްސާކުރެއްވުމަށް މިއަދު ސޯލްޓް ކެފޭގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ، ވާހަކަދައްކަވަމުންނެވެ. ޙުސެއިން ޟިރާރު ވިދާޅުވީ، މިފަދަ ސަރވޭތަކުގެ ނަތީޖާތަކަށް ބިނާކޮށް، ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަންކުރަންވީ ގޮތް އެނގިގެންދާނެކަމަށެވެ. އަދި ދުނިޔޭގެ އެއްވަނަ މަންޒިލްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށްޓަކައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖެއާއި މެދު ދެކޭގޮތް ހޯދައި، ދުނިޔޭގެ ތަފާތު މާރކެޓްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރަފު ކުރަންޖެހޭކަމަށް ޟިރާރު ވިދާޅުވިއެވެ.މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުގެ ނައިބު، ޚުސެއިން ޟިރާރު ވިދާޅުވީ، ފަތުރުވެރިކަން ކުރިއަރުވާ، މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު މަންފާލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި މިފަދަ އިތުރު ސަރވޭތައް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދަވާނެކަމަށެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތަފާތު ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރިސޯޓް އޯނަރުންނާއި، ރިސޯޓް އޮޕަރޭޓަރުންގެ އިތުރުން، ޓުއަރ އޮޕަރޭޓަރުންނާއި، ގެސްޓް ހައުސް ވިޔަފާރި ހިންގާ ފަރާތްތައް ހިމެނެއެވެ. މި މައްސަކަތު ބައްދަލުވުގައި، "މޯލްޑިވްސް ވިޒިޓާރޒް ސަރވޭ"އިން އެއްކުރެވުނު މައުލޫމާތުގެ އަލީގައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތަކަކާއި، ހަރުދަނާ ކުރަންޖެހޭ ސިޔާސަތުތަކާއި ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރައްވާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.