ޚަބަރު

ޢަލީ ވަޙީދަށް އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ނިންމި ނިންމުން އިސްތިއުނާފުކުރަނީ


ޖިންސީ ކުށުގެ 6 ދަޢުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ އަޑުއެހުމެގައި ބައިވެރިވެވޭ ގޮތަށް ކުރިމިނަލް ކޯޓު ނިންމެވި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ނިންމަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު
މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ތަފާތު 6 ދައުވާއާ ގުޅޭ އަޑުއެހުމެއް މިއަދުވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްގައި ހުރެކަން ނޭނގޭތީ މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުންވަނީ އެކަމަށް އިޢުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލު ކުރިމަތިކުރުވާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ
ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރުކަމަށާއި، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ. އަދި
އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދުވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ
ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެކަމަށް އަންގާފަވާފައިކަަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވި ނަމަވެސް، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީއަށް ކުރެއްވޭނެ ކަމެއްކަމަށް ނުފެންންނަކަމަށް ޕީޖީންވަނީ ވިދާޅުވެފައެވެ.

އަދި ލަފާފުޅުވެސް ލިޔުމުން ޙިއްޞާ ކޮށްދެއްވުމަށް އެދުމުންވެސް އެ އެލިޔުމެއް ނުލިބޭކަމަށާއި، މި މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދެވޭނެކަމަށް ޤާޟީ ޙަސަން ސަޢީދު ނިންމެވުމާއެކު، މައްސަލައިގެ "އިބްތިދާއީ އަޑުއެހުން" ކުރިއަށްގެންދެވުނުކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ކޯވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން
ހުއްދަކުރާ 12 ޙާލަތެއް އޮންނައިރު، އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭތީ، ޝަރީޢަތަކީ އެގޮތަށް ހިންގޭނެ
ޝަރީޢަތެއްކަމަށް ދައުލަތުން ނުދެކޭތީ، ކްރިމިނަލްކޯޓުން ނިންމާފައިވާ އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެެވެ.

އަދި އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، ކޯޓުން އަލީވަހީދު ހުރިތަނެއްގައި ހުރެ އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވުމަށް ދީފައިވާ ފުރުސަތާއިގުޅޭ ނިންމެވުމާބެހޭ ލިޔުންތައްމައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު، ޕީޖީ އޮފީހަށް ފޮނުއްވައި ދެއްވުމުންކަމަށްވެސް ޕީޖީން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ އާއި،
ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި،ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.