ޚަބަރު

މަޖިލީހުގެ އިންކުއަރީ ފުރިހަމަކުރެވޭ ވަރަށް މައުލޫމާތު ލިބިއްޖެ: އަސްލަމް


ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓު ފުރިހަމަކުރެވޭ ވަރަށް މަޢުލޫމާތު އެއްކުރެވިފައިވާކަމަށް އެކޮމިޓީން ހާމަކޮށްފިއެވެ.

އެކޮމިޓީން މިކަން ހާމަކުރައްވާފައިވަނީ މިހާތަނަށް އިންކުއަރީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ބާއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މާއުލޫމާތުދެއްވަމުން 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީއަށް މިހާތަނަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ކަމާގުޅުހުންހުރި މުއައްސަސާތަކުގެ މަސްޢޫލުވެރިންކަމަށެވެ. އެގޮތުން ސިފައިންގެ އިސްވެރިން ހިމެނޭހެން ޖުމްލަ 32 އޮފިސަރަކާއި އިންކުއަރީގައި ސުވާލުކޮށްފައިވާކަމަށާއި، އޭގެ ތެރެއިން ސިފައިންގެ އިސްވެރިން ހިމެނޭހެން ބައެއް އޮފިސަރުންނާއި ދެފަހަރަށް ސުވާލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރު އަދި ޕްލޭންނިން މިނިސްޓަރާއި ގަވަރަނަރު ހިމެނޭހެން އެމްއެމްއޭގެ އިސްފަރާތްތަކާއި ބައްދަލުކޮށްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އިންކުއަރީއަށް 241 ކޮމިޓީން ދެން ބައްދަލުކުރާނީ ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ތަޙުޤީގު ހިނގާ ނުހިނގާގޮތް ބެލުމަށް ރައީސުލްޖުމްހޫރިިއްޔާ ޚާއްސަ މަންދޫބް، އައްބާސް ފާއިޒްއާ ކޮމިޓީން މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މި އިންކުއަރީއަށް މިހާތަނަށް ޖުމަލް 49 ފަރާތަކާއި ކޮމިޓީންވަނީ ބައްދަލުކޮށްފައި. އިންކުއަރީގެ މަސައްކަތަށް މިހާތަނަށް ކޮމިޓީގެ 79 ބައްދަލުވުން ވަނީ ބާއްވާފައި. އެކަމަށް 147 ގަޑިއުރު ހޭދަވި. އިންކުއަރީ ގެ މަސައްކަތް ކުރިން ނިންމާލަން ކަނދައެޅި މިމަހުގެ 23 އަށް ނަމަވެސް އަދި އިތުރު ހަފްތާއެއް ރިޕޯޓު ނިންމާލަން ހޭދަވާނެ" އަސްލަމް ވިދާޅުވިއެވެ.

މިއިންކުއަރީއަށް މުހިއްމު ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަމަށާއި، އޭގެތެރޭގައި ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުހުންހުރި މައުލޫމާތެއްވާނަމަ އެކަން ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި ހިއްސާކުރުމަށް މަޝްވަރާކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ރިޕޯޓު އެކުލަވާލާނެ ގޮތާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރަމުންދާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި ރިޕޯޓައި ތަފްސީލު ތެދު މައުލޫމާތު ހިމެނޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.