ޚަބަރު

މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓައި ބެލެހެއްޓުމަށް ގޮވާލައި، މަޖިލީހަށް މައްސަލައެއް


މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓައި ބެލެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.
މިސްކިތްތަކުގެ ޙުރުމަތް ކަނޑާތީ ކަންބޮޑުވުން ފާޅުކޮށް މިމައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ޢުމަރުއެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، އެތަކެތި ބޭނުންކުރާ މީހުން ނިދައި ކައިބޮއި، މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުންދާތީ އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން މިސްކިތުގައި ހަޑި ހުތުރުބަހުން ވާހަކަދައްކައި މާރާމާރީ ހިންގާ ވީޑިއޯއެއް އާންމުވެފައިވާއިރު، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ޢަމަލުތައް 7 މިސްކިތެއްގައި ހިންގަމުން އަންނަކަން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވިއެވެ.

މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކުން ހައްޔަރުކޮށްފައިވާއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށައެޅުއްވި މައްސަލާގައި ވިދާޅުވީ ކޯވިޑާއި ގުޅިގެން މިސްކިތްތައް ބަންދުކޮށްފައިވަނިކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ބައެއް ފަރާތްތަކުން ހިންގަނީ ދީނީ އުސޫލުތަކާއި ޚިލާފު ޢަމަލުތަކެއްކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ، މިސްކިތްތަކަކީ މި ބިންމަތީގައި ހުރި އެންމެ ހުރުުމަތްތެރިވެގެންވާ ތަންތަނަށްވާއިރު، މިސްކިތްތަކުގައި ހިންގާ ނޭއްގާނީ އަމަލުތައް ކަމާގުޅުން ހުރި މުއައްސަސާތަކުން ހުއްޓުވަންޖެހޭކަމަށެވެ.

"މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓައި، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިސްކިތްތައް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާ ކުރުމަށާއި، މިސްކިތްތަކުގައި ހިންގާ ހަޑި މުޑުދާރު ޢަމަލުތައް ވަގުތުން ހުއްޓުވައި، މިސްކިތުގެ ޤަދަރު ކުޑަވާގޮތަށް އަމަލު ހިންގާ ފަރާތްތަކަށް ނަސޭހަތްދީ ސަރުކާރަށް ގޮވާލައި މައްސަލަ ހުށައަޅަން" އާދަމް ޝަރީފު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރުން ވަނީ މިފަދަ އަމަލުތަކަކީ ހުއްޓުވެންޖެހޭ މައްސަލަތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ހަމައެކަނި މިއީ ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުގެ އިތުރުން އެންމެން ގުޅިގެން ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުއްޓުވަން ޖެހޭކަމެއް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުންދާކަން ފާހަގަކުރެވިގެން މަޖިލީހަށް މައްސަލައެއް ހުށައަޅާފައިވާއިރު، މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ 15 މީހަކު މިމަހުގެ މެދެއްހާތަނުގައި ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ. އަދި މިމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.