ޚަބަރު

މަޖިލީހުގެ ހިނގަމުންދާ ދައުރު ޖުލައި 8ގެ ނިޔަލަށް އިތުރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ މިއަހަރުގެ 2ވަނަ ދައުރު އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހާހަމައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިދައުރު އިތުރުކުރުމަށް ފާސްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 38 މެންބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައިވާގޮތުން މަޖިލީހުގެ 2ވަނަ ދައުރު ކުރިއަށްދާނީ މެއިމަހުގެ 16ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަކަށް ބަދަލު ގެނައުމަށް ރައްޔިތުން މަޖިލީހުންވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފާސްކޮށްފައެވެ.

އެގޮތަށް އިޞްލާޙުކުރުމުން މަޖިލީހުގެ ދެވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް މަދުވިނަމަވެސް ތިން ވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް އިތުރުވެގެންދާއިރު، ޖުމްލަކޮށް މުޅި އަހަރު މަސައްކަތްކުރާ ދުވަސްތަކުގެ ޢަދަދަކަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް މަޖިލިސް ގަވާއިދަށް އޭރުގެނައި ބަދަލުގައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲވަނީ މިމަހުގެ ނިޔަލަށް މިދަރުގެ މުއްދަތު ހަމަވާގޮތަށް ޤަވާއިދުގައި އޮތްނަމަވެސް މިހާރު މަޖިލީހަށް ހުށައެޅިފައިވާ މުހިއްމު މަސައްކަތްތަކެއް ނިމެންދެން ދައުރު އިތުރުކޮށްދިނުމަށް އެދޭކަމަށެވެ.

"އަޅުގަނޑަށް ބައެއް ކޮމިޓީތަކުން ލިޔުން އައިސްފައި އެބަހުރި، މަސައްކަތް ނިންމުމައްޓަކައި އިތުރު ހަފްތާއެއް ބޭނުންވާކަމަށް. އެގޮތުގެ މަތިން އަޅުގަނޑު އިއްޒަތްތެރި މެންބަރުގެ އަރިހުން މިއެދެނީ މިދައުރު ޖުލައި 8އާ ހަމައަށް ދިގުކޮށްދިނުމަށް" އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ހިގަމުންމިދާ 2 ވަނަ ދައުރު ޖުލައި 8ގެ ނިޔަލަށް އިތުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީން ޕާލަމެންޓަރީ އިންކުއައިރީއެއް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން މި އިންކުއަރީ ނިންމުމަށް ކަނޑއަޅާފައިވަނީ މިއަދުގެ ނިޔަލަށްނަމަވެސް 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ވިދާޅުވީ ރިޕޯޓު އެކުލަވާލުމަށް އަދި ހަފްތާއެއް ބޭނުންވާކަމަށާއި އެއާއެކު މިމަހުގެ ނިޔަލަށް އިންކުއަރީ ނިންމާލެވޭނެކަމަށް ޢުންމީދުކުރައްވާކަމަށެވެ. އަދި އިންކުއަރީގެ ރިޕޯޓު އެލުލަވާލެވޭވަރަށް ބޭއްނޫންވާ މުހިންމު މަޢުލޫމާތުތައް އެއްކުރެވިފައިވާކަން ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީންވަނީ ހާމަކޮށްފައެވެ.