ޚަބަރު

އަލީ ވަހީދު އުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައެއް ނޫން- ސަފީރު


ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނީ، އެޤައުމުގައި ހުންނަވާ ރާއްޖޭގެ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދޮގުކޮށްފިއެވެ.

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަޙްނާޒް ފައިޞަލް ވިދާޅުވީ އަލީވަހީދު ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގޭގައި އުޅުއްވާކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ފަތުރާފައިވަނީ ކަނޑައެޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެފަދައިން ޚަބަރު ފަތުރާފައި ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި އެމްބަސީގެ އަގުވައްޓާލައި ބަދުނާމުކުރުމަށްކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.



ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަންގައިކަމަށް އެކިއެކި ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލީ ވަހީދުގެ ޝަރީޢަތުގައި އޮންލައިންކޮށް ބައިވެރިވާން އެދުމުން ކޯޓުން ވަނީ އެފުރުސަތު އޭނާއަށް ދެއްވާފައެވެ. ނަމަވެސް އަލީ ވަހީދު ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ އަޑުއެހުމެގައި ބައިވެރިވެވޭ ގޮތަށް ކުރިމިނަލް ކޯޓު ނިންމެވުމުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި އެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވަނީ ނިންމަވާފައެވެ.