ޚަބަރު

ލިބުނު އަނިޔާ ގިނަނަމަވެސް މަސައްކަތްކުރަނީ ހެޔޮހާލުގައި ރާއްޖެ އައުމަށް - ނަޝީދު


ހަމަލާއާއި ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތައް ގިނަކަމަށާއި، މަސައްކަތްކުރައްވަމުން ގެންދަވަނީ އެ އަނިޔާތަކަށް ފަރުވާހޯއްދަވައިގެން ހެޔޮހާލުގައި ރާއްޖެ ވަޑައިގެންނެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ ގިނަ ޒަޚަމްތައް ރަނގަޅުވެފައިވާކަން ޢާއިލާއިން ހާމަކޮށްފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ލިބިފައިހުރި އަނިޔާތައް ވަރަށް ގިނަކަމަށެވެ.

އަދި އަނިޔާތައް ގިނަ ނަމަވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ މާތްﷲގެ ރަޙުމަތްފުޅާއެކު ލިބުނު އެންމެހައި އަނިޔާތަކުން އަރައިގަނެ ހެޔޮހާލުގައި ރާއްޖެ ވަޑައިގަތުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދުގެ ޢާއިލާ ބޭފުޅަކު ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގަތް ޒަޚަމްތަކަށް އޭޑީކޭގައި ކުރެވުނު ގިނަ ސަރޖަރީތަކަށްފަހު ޖަރުމަނުގައިވެސް ގިނަ ފަރުވާތަކެއް ހޯއްދަވާފައިވާކަމަށެވެ. އެގޮތުން އެންމެ ފަހުން ކުރެވިފައިވަނީ ފައިތިލައަށް ލިބިފައިހުރި ބޮޑު ޒަޚަމްތަކަކާއި ގުޅިގެން ހެދި ސަރޖަރީއެއްކަމަށެވެ.

އެގޮތުން ރައީސް ނަޝީދުގެ ފައިތިލައަށް ލިބިފައިހުރި ޒަޚަމްތައް އިތުރަށް ގޯސްވެފައިވާތީ އެތަން އޮޕަރޭޝަންކޮށް ފަލަމަސްގަނޑުން ހަންނަގައިގެން އެތަނައް ލައްވާފައިވާކަމަށެވެ. އެއާއެކު ފައިތިލަވެސް މިހާރު ރަނގަޅުވަމުންދާކަމަށާއި، ފެންނަންހުރި ފާރުތައް ރަނގަޅުވިނަމަވެސް ގިނަ އަނިޔާތަކެއްކަމުން މުޅިން ރަނގަޅުވީއޭ ދެންނެވެން ނެތްކަމަށެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ.

މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އަދި އެމަނިކުފާނު މިހާރުގެންދަވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވަމުންނެވެ.