ޚަބަރު

ކޯވިޑަށް މިއަދު ޕޮޒިޓިވްވީ 212 މީހުން، އަތޮޅުތެރެއިން 157 މީހުން


ރާއްޖެއިން އިތުރު 212 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރު މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުން ވަނީ ބޮޑުތަނުން ދަށްވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ބުދަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ޕޮޒިޓިވްވެފައިވާ 212 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 52 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 157 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވް ވި 2 މީހަކާއި ސިނާއީ މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުމިވަނީ 72،678އަށް އަރާފައެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައި އުޅުނު ނަމަވެސް ޖޫން މަހު މި ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެފަ ތިބި މީހުންގެ ޢަދަދަކީ 4،262އެވެ. ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުން އަންނަނީ 38 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 311 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 68،197އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،959 ސާމްޕަލް ތަހުލީލުކުރުމަށް ވަނީ ނަގާފައެވެ.

ކޯވިޑް ބަލީގަ މިހާތަނަށް ރާއްޖެއިން 207 މީހަކުވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 189 ދިވެހިންނާއި 18 ބިދޭސީންނެވެ.