ވިޔަފާރި

އިންޑަސްޓްރީން ކުރި މަސައްކަތާއެކު ރަޝިއާއިން 120000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 120،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ރަޝިއާއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުވެސްމެއެވެ.

ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައި މިވަނީ އެ ޤައުމުގައި ރާއްޖެ ޕްރޮމޯޓްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް 120514 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 24.3 އިންސައްތައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ މައި ކުންފުނި އެމްއެމްޕީއާރުސީން ވަނީ ރަޝިއާގައި ވަރުގަދަ ބޮޑެތި ކެމްޕެއިންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ފަހުން އެމްއެމްޕީއާރުސީން ރަޝިއާގައި ފަށާފައިވާ ހަރަކާތަކީ ރާއްޖެ އިޝްތިހާރުކުރުމަށް ފެށި ފޮޓޯ މައުރަޒެވެ.

މި ފޮޓޯ މައުރަޒު ކުރިއަށްގެންދަނީ ނެޝަނަލް ޖިޔޮގްރަފިކް ރަޝިޔާއާއި ގުޅިގެންނެވެ. މި ފޮޓޯ މައުރަޒު މިހާރުވެސް ދަނީ ކުރިއަށެވެ. މި ފޮޓޯ މައުރަޒު ރަޝިޔާގެ 2 ސިޓީއެއްގައި ކުރިއަށްދާނެއެވެ. އެންމެ ފުރަތަމަ ފޮޓޯ މައުރަޒު ފަށާފައިވަނީ ރަޝިއާގެ މޮސްކޯގައެވެ. މޮސްކޯގައި ފޮޓޯ މައުރަޒު ކުރިއަށްދާނީ މި މަހުގެ 16 އިން 30 ގެ ނިޔަލަށެވެ. އެއަށްފަހު ދެން ފޮޓޯ މައުރަޒު ކުރިއަށްދާނީ ސެން ޕީޓަރސްބަރގްގައެވެ.

އެމްއެމްޕީއާރުސީން މިއަހަރުގެ ތެރޭގައި ވަނީ ރަޝިޔާގެ ޕޮރޮފި ޓްރެވެލްސް އާއި ގުޅިގެން 2000 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންނަށް ފަތުރުވެރިން ގެނައުމަށް ތަމްރީނެއްވެސް ހިންގާފައެވެ. މި ތަމްރީންގެ ތެރެއިންވެސް 280 ބުކިން ލިބުނުކަން އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. މީގެއިތުރުން އެސޯސިއޭޝަން އޮފް ރަޝިއަން ޓުއަރ އޮޕަރޭޓަރސް (އެޓޯ) އާއި ގުޅިގެން އެމްއެމްޕީއާރުސީން ވަނީ ރަޝިއާ މާކެޓަށް އަމާޒުކޮށްގެން އެއްމަސް ދުވަހުގެ ކެމްޕެއިނެއްވެސް މިއަހަރު ހިންގާފައެވެ. އެޓޯއަކީ ރަޝިއާގެ އެންމެ ބޮޑެތި 100 އަށް ވުރެ ގިނަ ފަންނީ ޓުއަރ އޮޕަރޭޓަރސް ހިމެނޭ އެސޯސިއޭޝަނެކެވެ.

މިހުރިހާ ކެމްޕެއިނެއްގެ ތެރެއިން ރަޝިއާގެ ގިނަ މީހުންނަށް ރާއްޖެ ވަނީ ޕްރޮމޯޓް ކުރެވިފައެވެ. ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރުގެ މިހާތަނަށް އެންމެ ކުރީގައި އުޅެނީ އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ހިންގި ބޮޑެތި ކެމްޕެއިންތަކުގެ ސަބަބުންނެވެ.