ޚަބަރު

އިތުރު 233 މީހުން ކޯވިޑަށް ޕޮޒިޓިވް، ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުން


ރާއްޖެއިން އިތުރު 233 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 73،327އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 233 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 157 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 45 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 73،327އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްދާން ފަށާފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. ނަމަވެސް ރަށްރަސުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 4075 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 29 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 225 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 69،031 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5172 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުންވަނީ ނިޔާވެފައެވެ.