ރާއްޖޭގެ ސަފާރީތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއާއި ހިއްސާކޮށްފިއެވެ. ކަންބޮޑުވުންތައް ހިއްސާކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުން އިއްޔެ ވަނީ މިނިސްޓަރާއި ބައްދަލުކޮށްފައެވެ.
ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ބޯޓިން އެސޯސިއޭޝަނުން ވަނީ އިންޑަސްޓްރީއަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އުޅަނދުތައް ރާއްޖޭގެ އުޅަނދުތަކާއި ވާދަކުރާނެ އުސޫލެއް ނެތުމާއި، ކޯވިޑާއި ގުޅިގެން ސަފާރީތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ލޯނު އެހީ ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ދެނުކު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ.
މީގެއިތުރުންވެސް މި ބައްދަލުވުމުގައި ދެނުކު އޭޝިއާގެ ޤައުމުތަކުން ރާއްޖެ އަންނަ މީހުންނަށް ވިސާ ދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާތީ އެ ސަރަހައްދުތަކުން މުވައްޒަފުން ގެނައުމަށް ދަތިވެފައިވާކަންވަނީ ފާހަގަކޮށްފައެވެ. އަދި ސަފާރީތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ކަރަންޓީނަކާއި ނުލައި އާއިލާ ކައިރިއަށް ދިގު މުއްދަތެއްގެ ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަޝްވަރާވެސް ކޮށްފައިވާ ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.
ބޯޓިން އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓަރ މައުސޫމްއާއި ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ސަފާރީއަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ ފަތުރުވެރިންނާއި ކްރޫއިން ސަފާރީގައި ކަރަންޓީން ވާންޖެހޭގޮތަށް އޮންނަ އޮތުން ހިމެނެއެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ މި ކަންބޮޑުވުމަކީ ކޯވިޑަށްފަހު މި ސިނާއަތް ހުޅުވާލިއިރުވެސް ފާހަގަކުރަމުން އަންނަ ކަންބޮޑުވުމެއްކަމަށެވެ. ސަފާރީތަކުގައި ކަރަންޓީން ވާންޖެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭކަމަށާއި އަދި ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މީގެ ގެއްލުން ސަފާރީތަކަށް ބޮޑުވާނެކަމަށެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ ބައްދަލުވުމުގެ ތެރެއިން އެ އެސޯސިއޭޝަނުން ފާޅުކުރި ހުރިހާ ކަންބޮޑުވުންތަކެއް ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ދެއްވާފައިވާކަމަށެވެ.