ޚަބަރު

އިތުރު 155 މީހުން ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން އިތުރު 155 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 347 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 73،000އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 155 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 70 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 31 މީހެއްގެ އިތުރުން ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 26 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 73،482އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްދާން ފަށާފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް ކޮންމެވެސްވަރަކަށްވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސްދަނީ މަދުވަމުންނެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3،883 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 27 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 347 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 69،378 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،972 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުންވަނީ ނިޔާވެފައެވެ.