ރާއްޖެއިން އިތުރު 178 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 245 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 73،660އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބަށް ބަލާއިރު ހޯމަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް 178 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 43 މީހުންނެވެ. ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 125 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހަކާއި ތަރައްޤީ ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް 3 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 73،660އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްދާން ފަށާފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށްވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސްދަނީ މަދުވަމުންނެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3،815 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 27 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 245 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 69،623 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،199 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 210 މީހުންވަނީ ނިޔާވެފައެވެ.