އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެފްއެސްއެމްއިން ވިދާޅުވީ މިގެނެވުނު ބަދަލާއެކު، އެކުންފުނީގެ ސްޓެލްކޯ ކައިރީ ހުންނަ ޕެޓްރޯލް ޝެޑުންނާއި، ހުޅުމާލޭގައި ހުންނަ އީޒީ ފިލް-3 ޕެޓްރޯލް ޝެޑާއި މާލެ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ޕެޓްރޯލް ޝެޑުން ހެނދުނު 09:00 އިން ރޭގަނޑު 10:30 ހަމައަށް ޚިދުމަތްދޭނެކަމަށެވެ.
އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:30 އަށް ޚިދުމަތްދޭނެ ކަމަށް އެފްއެސްއެމްއިން ހާމަކުރެއެވެ.
އެފްއެސްއެމްއިން މާލޭގައި ހިންގާ އިތުރު ޕެޓްރޯލް ޝެޑްތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު ޕެޓްރޯލް ޝެޑު ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 8:00އަށެވެ.
FSM Shed operation hours effective 1st July 2021. pic.twitter.com/GMA1eAGTxZ
— FSM (@FuelSuppliesMv) June 30, 2021
އެފްއެސްއެމް ތިލަފުށި ސޭލްސް ޕޮއިންޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ހަވީރު 5:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ހަވީރު 5:30 އަށެވެ.
އެފްއެސްއެމްގެ ހުރިހާ ޕެޓްރޯލް ޝެޑެއްވެސް ނަމާދު ގަޑިތަކަށް 20 މިނެޓަށް ބަންދުކުރާނެއެވެ.
މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވާފައެވެ.