ޚަބަރު

24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ހުއްދަ


މިމަހުގެ 8 ވަނަދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ޑެލިވަރީގެ ޚިދުމަތް 24 ގަޑިއިރު ދިނުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދެއްވައިފިއެވެ. ކޯވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމުން އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތަކުން އަމަލުކުރަންޖެހޭ އުސޫލްތަކަށްވެސް ބައެއް ބަދަލުތައް ގެންނަވާފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިވަނީ ބޮޑެތި ލުއިތަަކެއް ސަރުކާރުން ދެއްވާފައެވެ. މާލޭގައި އިލާންކޮށްފައިވާ ކާފިުއގެ ވަގުތު ކުޑަކުރުމާއި ވިޔަފާރިތަަކާއި ކެފޭ ރެސްޓޯރަންޓްތައް އާއްމުކޮށް ހުޅުވާލުންވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ބަދަލާއި އެކު މިމަހުގެ 8 ވަނަދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ދެމެދުގައިކަމަށެވެ. އަދި މި މުއްދަތުގައި މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ހުއްދަވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ. ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވިދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކޮށްފައިވާ Gov/Company ފާސް ބޭނުންކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދދި މި ފާސް ނެތް ފަރާތްތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނެގުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ..

ކޯވިޑުގެ ޙާލަތާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން މިމަހުގެ އެއްވަނަދުވަހުން ފެށިގެން ހުއްޓާލާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ޕެކޭޖްތައް ތައާރަފުކޮށް ލޯންތައް ދޫކުރަމުންނެވެ. މިގޮތުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްޕެމްންޓް ފައިނޭންސް ކޯޕަރޭޝަނުން (އެސްޑީއެފްސީ) 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ހުއްދަދީ، އޭގެ ތެރެއިން 800 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.