ޚަބަރު

މާލެއިން 26 މީހުން، އަތޮޅުތަކުން 104 މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން އިތުރު 143 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 165 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 74،000އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 143 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 104މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހުންނާއި ހަދަމުންދާ ރަށްރަށުން ޕޮޒިޓިވްވި 5 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 74،074 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވާން ފަށާފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސްދަނީ މަދުވަމުންނެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3،359 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 23 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 165 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 70،490 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެތެރޭގައި ކޯވިޑް ބަލިދެނެގަތުމަށް 4355 ސާމްޕަލެއްވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުންވަނީ ނިޔާވެފައެވެ.