ޓުއަރިޒަމް

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޭޝިޔާއިން


މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އޭޝިޔާ ޕެސިފިކްގެ ސަރަހައްދުގެ ޤައުމުތަކުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މި އަހަރުގެ އޮކްޓޯބަރުމަސް ނިމުނުއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އެއް މިލިއަނަށް އަރައި، ޖުމްލަ 1،024،755 ފަތުރުވެރުން ވަނީ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2014 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،011،335 ފަތުރުވެރިންނާއި އަޅާބަލާއިރު، 1.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިޔާ ޕެސިފިކްގެ ސަރަހައްދުގެ ޤައުމުތަކުންނެވެ. މިގޮތުން މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %50.3 އަކީ މި ސަރަހައްދުގެ ފަތުރުވެރިންނެވެ. އަދި މި ސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު، %2.2 އިތުރުވެފައެވެ. 

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޔޫރަޕް ސަރަހައްދުންނެވެ. މިގޮތުން ރާއްޖެއަށް މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ %41.8 ޔޫރަޕުން ހިއްސާކޮށްފައިވާއިރު، މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އޭގެ ކުރީއަހަރާއި އަޅާބަލާއިރު، %1.3 ވަނީ ދަށަށްގޮސްފައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ސަރަހައްދަކީ، މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ %3.6 ހިއްސާއާއެކު އެމެރިކާއެވެ. އަދި މިސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު %12.7 އިތުރުވެފައެވެ.

ވަކި ވަކި މާރކެޓްތަކަށް ބަލާއިރު، މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމުއްދަތުގައި ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ %31.6 ހިއްސާއާއެކު ޗައިނާއިންނެވެ. ދެވަނައަށް %8.4 ގެ ހިއްސާއާއެކު ޖަރުމަނުވިލާތް ހިމެނިފައިވާއިރު، ތިންވަނައަށް މިމުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.  މިޤައުމުން ހިއްސާކޮށްފައިވަނީ %7.4 އެވެ. ހަތަރުވަނާގައި އިޓަލީވިލާތް %4.9 ގެ ހިއްސާއަކާއިއެކު ހިމެނިފައިވާއިރު، އިންޑިއާ ވަނީ މިއަހަރުގެ އޮކްޓޯބަރުމަސް ނިމުނުއިރު ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައި ހިމެނިފައެވެ. އެގޮތުން އިންޑިއާއިން ހިއްސާކޮށްފައިވަނީ %3.9 އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އޮކްޓޯބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަށް އަސަރުކޮށްފައި ވީނަމަވެސް، ޔޫރަޕްގެ ސަރަޙައްދުން ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ބައެއް މާރކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އިޓަލީވިލާތުން މިއަހަރުގެ އޮކްޓޯބަރުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %14.5 އިތުރުވެފައިވާއިރު، ޖަރުމަނުވިލާތުން ޒިޔާރަތްކުރި ފަރުތުވެރިންގެ ޢަދަދު %6.6 އިތުރުވެ، ސްޕެއިން އިން އޮކްޓޯބަރުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %12.2 ވަނީ އިތުރުވެފައެވެ.