ވިޔަފާރި

ފަތުރުވެރިން އަންނަ ޢަދަދު އިތުރުވާން ފަށައިފި


މިމަހުގެ މިހާތަނަށް ރާއްޖެއަށް 20379 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރުގެ ޖުލައިމަހުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 32243 ފަތުރުވެރިންނެވެ. ކޯވިޑާ ގުޅިގެން ފާއިތުވީ ދެމަސް ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރީ 64613 ފަތުރުވެރިންނެވެ. އަދި ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރީ 56166 ފަތުރުވެރިންނެވެ.

އެހެން ނަމަވެސް މިމަސް ފެށިގެން މިހާތަނަށް އައި އިރު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. އެގޮތުން މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކުވެސް ރާއްޖެއަށް 2000އަށް ވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން މިދިޔަ މޭމަހުގެ އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 2084 ފަތުރުވެރިންނެވެ. އަދި ޖޫންމަހު މިޢަދަދު ހުރީ 1872ގައެވެ. އެހެންނަމަވެސް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 2550 އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 3317 ފަތުރުވެރިން އައިސްފައިވެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަށް އިތުރުވެފައިވާއިރު، މިމަހު ތެރޭ ރާއްޖެއަށްވަނީ އިތުރު އެއަރލައިންއަކުން ދަތުރުވެސް ފަށާފައެވެ. އަދި ރާއްޖެއަށް މިހާރުވެސް ދަތުރުތަށް ބާއްވާ އެމިރޭޓްސްއާއި ޤަތަރު އެއަރވޭސްއިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަށް އިތުރުކޮށްފައެވެ.

އަދި މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް އަލުން ވިސާދޭން ނިންމާފައިވާއިރު، މިއާއެކުވެސް ރާއްޖެއަށް މިމަހުގެ ތެރޭ އަންނަ ފަތުރުވެރިންގެ އަދަދުތަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %24.4 އަކީ ރަޝިއާ ފަތުރުވެރިންނެވެ.