ޚަބަރު

ޕީޕީއެމަށް އިތުރު 10،000 މެންބަރުން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފި


އޮގަސްޓް މަހުގެ ނިޔަލަށް އިތުރު 10،000 މެންބަރުން އިތުރުކުރުމަށް ޕީޕީއެމުން ކެމްޕެއިނެއް ފަށައިފިއެވެ.

ޕީޕީއެމްޕީއެންސީގެ އަންހެނުންގެ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މިއަދު މެންބަރޝިޕް ޑްރައިވް ފެށިނަމަވެސް އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން 10،000 މެންބަރުން އިތުރުކުރުމަކީ އަމާޒެއްކަމަށެވެ. މަވެސް ޕީޕީއެމްގެ ނަމުގައި އެޕާޓީން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ދުވަސް ދުވަސްކޮޅުން މެންބަރުން އިތުރުކުރުމުގެ މިފަދަ ހަރަކާތްތައް ކުރިއަށްގެންދާކަމަށާއި، އެކަންކަން މެދުކަނޑާލަންޖެހުނީ ކޯވިޑާއި ގުޅިގެންކަމަށް ހީނާ ވިދާޅުވިއެވެ.

"ކޯވިޑާއި ގުޅިގެން މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް މެދުކަނޑާލީ. މިއީ އަޅުގަނޑުމެންގެ ޕާޓީއަށް މެންބަރުން އިތުރުކޮށް އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށްޓަކައި ޕީޕީއެމް މެންބަރޝިޕް ޑްރައިވްގެ ނަމުގައި ޚާއްސަ ހަރަކާތެއް މިއަދު ރަސްމީކޮށް މިފަށަނީ" ހީނާ ވިދާޅުވިއެވެ.

މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާނެކަމަށް ޕީޕީއެމުން ބުނެއެވެ. މާލޭގައި ޓީމުތަކަކުން ގޭގެއަށްގޮސްގެން މެންބަރުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، އެމީހުން ތިބޭނީ ޕީޕީއެމްގެ ފަރާތުންދާ ބައެއްކަން އެނގޭނެގޮތަށް ފާހެއް ނުވަތަ ޓީޝާޓެއް ލައިގެންކަމަށް އެޕާޓީން ބުނެއެވެ. އަދި އަތޮޅުތަކުގައި އެހަރަކާތުގައި އުޅޭނީ ސްޓިއަރިންގ ކޮމިޓީއަކުން ކަމަށްވެސް އެޕާޓީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން 30 ޖޫން 2021ގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 37،093 މެންބަރުންނެެވެ. އަދި ޕީއެންސީގައި ޖޫން 30 ގެ ނިޔަލަށް ތިބި 3975 މެންބަރުންނާއެކު 2 ޕާޓީގައި ތިބީ ޖުމްލަ 41،068 މެންބަރުންނެވެ.

ޖޫން 30ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ޖުމްލަ އަދަދަކީ، 53،139އެވެ.