ވިޔަފާރި

ސްޓިމިއުލަސް ލޯނުގެ ސުންގަޑިއަކީ މިމަހުގެ 17ވަނަ ދުވަސް


އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 17ވަނަ ދުވަސް ކަމަށް ބީއެމްއެލުން ވިދާޅުވެއްޖެއެވެ. މިއީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ހުޅުވާލާފައިވާ ލޯނެކެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ، މިދިޔަ މޭމަހުގެ 27ވަނަ ދުވަހު ސަރުކާރުން އިޢުލާން ކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތަޢާރަފްކޮށްފައިވާ ލޯން ސްކީމެކެވެ. ބީއެމްއެލުން ވިދާޅުވީ، މި ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ. މި ލޯން ސްކީމަކީ ވަކި ޢަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެކެވެ.

މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯނު އެޕްލިކޭޝަންތަކުގެ ޢަދަދުވެސް ލޯނު ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރުކަން ބީއެމްލުން ފާހަގަކުރައްވައެވެ. ބޭންކުން މިލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 17ވަނަ ދުވަސްކަމަށް ކަނޑައަޅާފައިވާއިރު، ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެސް ބީއެމްއެލުން ވިދާޅުވެއެވެ.

ކޯވިޑް-19، އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިލޯނު ސްކީމަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯންއެކެވެ.

ލޯނު ދޫކުރާނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓް ރޭޓުގައި، 4 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އަދި ލޯނު ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަމަށް ބޭންކުން ހާމަކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ "ކޯވިޑް-19 ރިކަވަރީ ލޯނު ސްކީމް"ގެ ނަމުގައިވެސް ލޯނު ދޫކޮށްފައެވެ. މި ލޯނުތައް އެސްއެމްއީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށްވެސް ދޫކުރިއެވެ.