ޚަބަރު

ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 2 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި


ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި 2 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލާގައި، ހދ. ކުޅުދުއްފުށި، މާތުނޑި، މުޢާޒް ޢަލީއާއި، ހަމަ އެރަށު ސެޓެލައިޓް، މުޙައްމަދު އާދަމްގެ މައްޗަށް ދަޢުވާކުރުމަށް މިމަހުގެ 8ވަނަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ.

ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ޖުމްލަ 6 މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުޤީގުކޮށްފައިވީ ނަމަވެސް މި މައްސަލައިގައި ތުުހުމަތުކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާޢީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާތީ، އެ 4 މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލަން ނިންމާފައިވާކަން ޕީޖީ އޮފީހުންވަނީ ފާހަގަކޮށްފައެވެ.

މިދިޔަ މެއިމަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 އެހާކަންހާއިރު ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔުމަށްފަހުވަނީ އަނިޔާކޮށްފައެވެ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރާފައިވާކަމަށެވެ. މިހާދިސާގައި ލިބުނު ޒަޚަމްތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އެޒުވާނާ އަންނަނީ ފަރުވާ ހޯދަމުންނެވެ.