ޚަބަރު

ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބެއްލުވުމަށް ރައީސް ހދ.އަތޮޅުގެ 3 ރަށަކަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީގެ 3 ރަށަކަށް މިހަފްތާގައި ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ތިލަދުންމައްޗަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅު ފައްޓަވާނީ މިމަހުގެ 16ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި ހދ.ކުޅުދުއްފުއްޓާއި، އެއަތޮޅު ކުމުންދޫގެ އިތުރުން ހަނިމާދުއަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެކަމަށެވެ. އޭޕްރީލް މަހުގެ ފަހުކޮޅު ރާއްޖެއަށް ކުރިމަތިވި ކޯވިޑް ރާޅާ، ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށަކުން ކޯވިޑް ކޭސްތަކެއްފެނި އެތައް ރަށެއްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ނަމަވެސް މިވަގުތު މޮނިޓަރިންގައި އޮތީ 20 ރަށެވެ.

ކޯވިޑްގެ ފުރަތަމަ ރާޅަށްފަހުވެސް ރައީސްވަނީ ރަށްރަށްވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ރަށްރަށަށް ބޭނުންވެފައިވާ ތަރައްޤީގެ މަޝްރޫތަކާއި ގުޅޭގޮތުނާއި ރަށްޔިތުންގެ ހާލަތު ގާތުން ބައްލަވާފައެވެ.

ރައީސް ޞާލިޙް ފާހަގަވެފައިވަނީ ވެރިކަމައްވަޑައިގެން ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ރަށްރަށެއްގެ ހާލަތު ބެއްލެވި ރައީސެއްގެ ގޮތުގައެވެ. އެގޮތުން ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ސިޔާސަތުތައް ކަނޑައެޅުއްވުމަށްޓަކައި ރައީސް ޞާލީހުވަނީ ކޯވިޑްގެ ޙާލަތު އައުމާހަމައަށް ރާއްޖޭގެ 69 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާއެކު ބާއްވަވާފައިވެއެވެ.

ޒަމާޏުއްސުރެ މަރުކަޒީ އުސޫލުން ބާރުވެރިކަން ހިފެހެއްޓި، އަތޮޅުތަކަށް ލިބެންޖެހޭ ތަރައްޤީ މާލޭގެ މައި ސަރުކާރުގެ ތެރޭގައި އޮބަހެއްޓިފައި އޮންނަ އޮތުން ދޫކޮށްލުމަށް ވެވަޑައިގެންންނެވި ވަޢުދުފުޅާއެއްގޮތަށް ލާމަރުކަޒީ ބާރުވެރިކަން ހޯދުމަށް އެމަނިކުފާނު މަސައްކަތް ފެއްޓެވިއެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސްތަކެއްއްގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ސަރުކާރުން މަޖިލީހަށް ހުށައެޅިބިލާއެކު މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 15 ދުވަހެއެވެ. ބޮޑެތި އިސްލާހުތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ފޮނި މީރުކަން މިވަނީ ލިބިގެންގޮސްފައެވެ.

އެގޮތުން ކައުންސިލްތަކިގެ އިޚްތިސާސްތައް ކަނޑައެޅުމާއި، ކަންސިލްތަކަށް މާލީ ބާރުވެރިކަން ކަސަވަރުކޮށްދިނުމުގެ އިތުރުން ކައުންސިލްތަކުގެ ދަޢުރު 5 އަހަރަށް ބަދަލުކޮށްފައިވެއެވެ. ބޮޑެތި އިސްލާހުތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ފޮނި މީރުކަން ރައްޔިތުންނަށް ލިބިދިނުމަށް ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން ކުރައްވަމުން ގެންދެވި މަސައްކަތަށް ހިޔަނި އެޅިގެންދިޔައީ ކޯވިޑްގެ ބަލިމަޑު ކަމެވެ.

ނަމަވެސް މި ބަލިމަޑުކަމާއެކުވެސް މިވީ މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް ގާއިމްކުރުމާއި، މިހާރު ހުރި ހޮސްޕިޓަލުތަކާއި، މަރުކަޒުތައް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރެވުނު މަސައްކަތަކީ މިހާތަނަށް އަތޮޅުތެރޭގައި ކުރެވުނު ތަރައްޤީގެ އެންމެބޮޑެތި މަސައްކަތްތަކުގެ ގޮތުގައި ރައީސް ޤަބޫލުފުޅުކުރައްވައެވެ.