ޚަބަރު

2 ޑޯޒް ފުރިހަމަނަމަ، ޤައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރެވޭނެ


ޖަލުތަކުގައި ބަންދުކޮށްފއި ތިބި ޤައިދީންނާއި ބަންދު މީހުންނަށް އެމީހުންގެ އާއިލާ މެމްބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނުން ހުޅުވާލައިފިއެވެ. ޤައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަލުން މި ހުޅުވާލީ ކޯވިޑާއި ގުޅިގެން އެކަން މެދުކެނޑިފައި އޮތުމަށްފަހުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ވަނީ ކޯވިޑްގެ އައު އާއްމު ހާލަތުގައި ޤައިދީންގެ އާއިލާތަކާއި ވަކީލުން ޖަލަށް ޒިޔާރަތްކުރާއިރު އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައެވެ. މި އުސޫލު ބުނާގޮތުން ގޮތުން އެއްވެސް ޤައިދީއެއްގެ އާއިލާ މެމްބަރަކަށް ނުވަތަ ވަކީލަކަށް ޖަލަށް ޒިޔާރަތްކުރެވޭނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާނަމައެވެ. އަދި ޖަލަށް ޒިޔާރަތްކުރާ ދުވަހު 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާވެސް ހުށައަޅަންޖެހޭނެކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.

އައު އުސޫލު ބުނާގޮތުން 18 އަހަރު ދަށުގެ ކުޑަކުއްޖެއް ޖަލަށް ޒިޔާރަތްކުރާނަމަ އެކުއްޖާގެވެސް 72 ގަޑިއިރުގެ ނުވާ ޕީސީއާރުގެ ނަތީޖާ ހުށައަޅަންވާނެއެވެ. އާއިލީ ބައްދަލުވުންތަކަށް ހުއްދަ ދެނީ އެއް ފަހަރާ އެންމެ ގިނަވަގެން 5 މީހުންނަށެވެ. މި އަދަދު ގުނާނީ އެ ބައްދަލުވުމުގައި ބައިވެރިވާ ކުޑަކުދިންވެސް ހިމަނައިގެންކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި ޖަލުގައި ނުވަތަ ބަންދުގައި ހުރި މީހަކާއި ބައްދަލުކުރަން އެއް ފަހަރާއި އެންމެ ގިނަވަގެންދެވޭނީ 3 ވަކީލުންނަށެވެ.

ބައްދަލުވުންތައް ފެށުނީއްސުރެ ނިމެންދެން ޖަލަށް ޒިޔާރާތްކުރާ އާއިލީ މީހުންނާއި ވަކީލުން މާސްކު ނަގައިގެން ނުވާނެކަމަށްވެސް ކަރެކްޝަނުންގެ އުސޫލުގައިވެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ މާސްކު ނަގަން ޖެހިއްޖެނަމަ 3 ފޫޓް ދުރުމިން ބަހައްޓަންޖެހޭނެކަމަށާއި މި އުސޫލަތަކާއި ހިލާފުވެއްޖެނަމަ ވަގުތުން ބައްދަލުވުން މެދުކަނޑާލެވޭނެކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.

ޖަލުގައި ތިބި ހައިރިސްކް ޤައިދީންވަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ގެއަށް ބަދަލުކޮށްފައެވެ. އެ ޤައިދީން އަނބުރާ ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ކަރެކްޝަނުން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހުން ޖަލަށް ބަދަލުކުރާނެ ތާރީހެއް އަދި ކަނޑައަޅާފައިނުވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.